އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފި

އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މި މަަސައްކަތް ފެށުމަށްޓަކައި ޓްރެކްގައި މިއަދު ހަވީރު ވަނީ ޚާއްސަ އިވެންޓެއް ބާއްވާފައެެވެ. މި އިވެން...

17 Sep 2020 | 15:07

އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަަސައްކަތް ފެށުމަށްޓަކައި ޓްރެކްގައި މިއަދު ހަވީރު ވަނީ ޚާއްސަ އިވެންޓެއް ބާއްވާފައެެވެ. މި އިވެންޓުގައި ކުޅިވަރާއިބެހޭ މިނިސްޓަރ އަޙްމަދު މަޙްލޫފާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އެތުލެޓިކްސް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި އިވެންޓުގައި މިނިސްޓަރ މަހްލޫފް ވިދާޅުވީ ކޮންކްރީޓް އެޅުމުގެ މަސައްކަތް އަމާޒު ހިފާފައިވަނީ މި މަހުގެ ނިޔަލަށް ނިންމާލެވޭތޯ ކަމަށެވެ. އަދި މި މަސައްކަތް ނިމުމާއެކު ސިންތެޓިކް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

" ކޮންކްރީޓް އެޅުމުގެ މަސައްކަތް ކުރަނީ އާރްކޭއެލް ގެ ފަރާތުން. ވަރަށް ބާރަށް، ވަރަށް ފުރިހަމައަށް މިބޭފުޅުން މިކަން އެބަކޮށްދެއްވާ. މިހާރު އަމާޒު ހިފިފަ މިއޮތީ މި މަސް ނިމޭ އިރަށް ވޭތޯ. ނިމުމާއެކު ސިންތެޓިކް އެޅުމުގެ މަސައްކަތް ފަށާނަން. ރާއްޖެއަށް ގެންނަ ސިންތެޓިކް ބަރުކޮށްގެން މިހާރު ވަނީ ފުރާފަ. އެހެންވީމަ ޓާގެޓަށް ރީޗްވާނެ ކަމަށް މި ބެލެވެނީ". މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ މި މަސައްކަތް ނިމުމުން އެތްލީޓުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލިބޭ އިތުރު ފުރުޞަތަކަށް ވާނެ ކަމަށެވެ. އަދި ސިންތެޓިކް އެޅީމާ ކުރިއާ ޚިލާފަށް ކަސްރަތު ކުރަން އިތުރު ޖާގަ ލިބޭނެ ކަމަށެވެ.

މާލޭ އެކުވެނި ޓްރެކް، ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އެވެ.

މަސައްކަތް ފަށާތާ ދެމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށް ހާވާލުކޮށްފައިވާ މި މަސައްކަތުގެ އަގަކީ ބާރަ މިލިއަން ފަސް ސަތޭކަ ސާޅީސް ތިން ހާސް ދުއިސައްތަ ތިރީސް އެއްރުފިޔާ ހަތްދިހަ ފަސްލާރި އެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢު ލަފާ ކުރެވޭ ގޮތުން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު މަހްލޫފު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ގިނަ ބަޔަކު ބޭނުން ކުރަމުން އައި މާފަންނު އެކުވެނި ޓްރެކަކީ 1996 ވަނަ އަހަރު މާލޭގައި އަޅާފައިވާ ތަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް