އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ޓީ.ސީ.އޭ.ސީގެ 6 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އިންޑިއާ ކަނޑުން އެކިއެކި ޤައުމުތަކަށް މަސްބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމާބެހޭ ގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް އިންޑިއާ ކަނޑުގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަން ބަލަހައްޓާ ސަރަހ...

17 Sep 2020 | 11:54

އިންޑިއާ ކަނޑުން އެކިއެކި ޤައުމުތަކަށް މަސްބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމާބެހޭ ގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް އިންޑިއާ ކަނޑުގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަން ބަލަހައްޓާ ސަރަހައްދީ ޖަމިއްޔާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ ބައްދަލުވުމެއް ސެޕްޓެމްބަރު މަހުގެ 15 ގައި ބާއްވައިފިއެވެ.

މިބައްދަލުވުމުގެ މަޤްސަދަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، އިންޑިއާ ކަނޑުން ބޭނޭ ކަނޑުމަހުގެ އެންމެ މަތީ މިންވަރުގެ ތެރެއިން ވަކި ވަކި ގައުމުތަކަށް މަސްބޭނޭނެ މިންވަރު ނިންމުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައެޅުމެވެ.

މިއީ އައި.އޯ.ޓީސީގެ ޓެކްނިކަލް ކޮމިޓީ އޮން އެލޮކޭޝަން ކްރައިޓީރިއާ (ޓީ.ސީ.އޭ.ސީ) އިން މިކަމާގުޅޭގޮތުން ބޭއްވި 6 ވަނަ ބައްދަލުވުމެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ކަމާބެހޭ އޮފިޝަލުންނެވެ.

ކަނޑުމަހުގެ މަސްވެރިކަމުގެ އެންމެ ދިގު ތާރީޚެއް އޮތް އިންޑިޔާ ކަނޑުގެ އައްސޭރިފަށު ޤައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން އިސްނަގައިގެން ވަނީ މިކަމާ ގުޅޭ ޕްރޮޕޯސަލެއް ތައްޔާރުކޮށް، އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ 8 ގައުމެއްގެ ތާއީދާއެކު 2017 ގައި ބޭއްވުނު އައި.އޯ.ޓީ.ސީ ގެ 21 ވަނަ ބައްދަލުވުމުގައި ހުށަހަޅައިފައެވެ.

ވޭތުވެދިޔަ 3 އަހަރު ބޭއްވުނު ޓީ.ސީ.އޭ.ސީގެ ބައްދަލުވުންތަކުގައިވެސް މިކަމާބެހޭ މަޝަވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ދިވެހިރާއްޖެއިން ހުށަހެޅި ޕްރޮޕޯސަލްގެ އިތުރުން، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) ގެ ފަރާތުންވެސް މިކަމާ ގުޅޭގޮތުން ޕްރޮޕޯސަލެއް ހުށަހަޅައިފައިވެއެވެ.

އީ.ޔޫ ގެ ޕްރޮޕޯސަލްއާ ޚިލާފަށް، ރާއްޖެއިން އިސްނަގައިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލް އަކީ ދުރަށް ހިޖުރަކުރާ ކަނޑުމަހުގެ ބާވަތްތައް މެނޭޖްކުރުމުގައި ކުދި ޖަޒީރާ ޤައުމުތަކަށާއި ތަރައްޤީވަމުން އަންނަ އައްސޭރިފަށުގެ ޤައުމުތަކަށް ލިބެންޖެހޭ ހާއްޞަ އިނާޔަތްތަކާއި ދޭންޖެހޭ އަހްމިއްޔަތުތަކަށް ރިޢާޔަތްކޮށް ފަރުމާކުރެވިފައިވާ ހުށަހެޅުމެކެވެ. އަދި މިޕްރޮޕޯސަލް ބިނާވެފައިވަނީ ވަކިވަކި ގައުމުތަކަށް މަސްބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމުގައި މިފަދަ ޤައުމުތަކުން  އިޖްތިމާއި ގޮތުންނާއި އަދި އިޤްތިޞާދީ ގޮތުން މަސްވެރިކަމަށް ބަރޯސާވާ މިންވަރަށް އިސްކަންދީފައިވާ (ރައިޓްސް-ބޭސްޑް) އެލޮކޭޝަން އޮނިގަޑެއްގެ މައްޗަށެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މިބައްދަލުވުމުގައިވެސް ވަކިވަކި ގައުމުތަކަށް މަސްބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމަށް ކުރެވޭ މަސައްކަތުގައި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ވަސީލަތްތަކުން ލިބޭ މަންފާ އެންމެންނަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ލިއްބައިދިނުމުގެ އުސޫލަށް އިސްކަންދިނުމަށް ދިވެހިރާއްޖެއިން ވަކާލާތުކޮށްފައިވެއެވެ.

މިކަމާ ގުޅޭގޮތުން ދިވެހިރާއްޖެއިން މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގިނަ ޤައުމުތަކެއްގެ ތަރުހީބާއި އެއްބާރުލުން ލިބިފައިވާއިރު، ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްއަކީ މިފަދައިން ވަކިވަކި ގައުމުތަކަށް މަސްބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމަށް މަގުދައްކައިދޭ އެންމެ ރަނގަޅު އުސޫލުތައް އެކުލެވޭ ހުށަހެޅުންކަމަށް އައި.އޯ.ޓީ.ސީގެ ގިނަ މެންބަރު ޤައުމުތަކުން ގަބޫލްކުރެއެވެ.

ދިވެހިރާއްޖެ އައި.އޯ.ޓީ.ސީގެ ފުރިހަމަ މެންބަރަކަށް ވެފައިވަނީ 13 ޖުލައި 2011 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް