ވެރިކަން ކުރާ މައި ޕާޓީ އެމްޑިޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) މަސައްކަތުން އެކަހެރި ކޮށްފި އެވެ.
ޝުއައިބު ވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފަށް އުސޫލުން ބޭރުން ކަންތައް ކުރައްވާ ކަމަށް ބުނެ އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީ ފޮނުއްވާފައި އެވެ. އެ ސިޓީގެ ޖަވާބު ޝުއައިބަށް ފޮނުވާފައިވާއިރު ބުނެފައިވަނީ އެމަނިކުފާނު ގަވައިދާ އުސޫލުން އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަމަށެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ޝުއައިބު ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުންނާއި މެމްބަރު ކަމުން އެތް ފަރާތްކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.
އެމްޑީޕީގެ މި ޓުވީޓަށް ޖަވާބު ދެއްވަމުން ޝުއައިބު ވިދާޅުވެފައިވަނީ އޭނާ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވަނީ އެމްޑީޕީގެ އިސްވެރިންގެ ކާޓުނު ކުރެހިކަމަށް ބުނާ މައްސަލައިގަ އެވެ. އެ ޓުވީޓުގައި ޝުއައިބު ވަނީ މަޖިލީހުގެ ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގުޅޭގިތުން ކުރަހާފައިވާ ކާޓޫން ކުރަހާފައިވާ ފޮޓޯއެއް ހިމަނަށާފައި އެވެ.
https://twitter.com/MDPSecretariat/status/1306532502144790530
ޝުއައިބުގެ މައްސަލައެއް ކުއްލިއަކަށް ބަލަން ފަށާފައި މިވަނީ ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އެދި އޭނާ ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ. އެ ސިޓީގައި ޝުއައިބު ވިދާޅުވެފައިވަނީ ޕާޓީގެ މަސްލަހަތު ގެއްލޭގޮތަށް ނަޝީދު މަސައްކަތް ކުރާ ކަމަށެވެ.
ޝުއައިބު ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށް ވަޒީރުންނަށް ފިޔަވަޅު އެޅުއްވުމަށާއި ގާނޫނީ މަސްއޫލިއްޔަތުން އެކަހެރިކުރައްވަން ކުރާއްވާ މަސައްކަތް ފެންނަނީ ބަދަލު ހިފުމުގެ ރޫހުގައި ކުރައްވާ ކަންކަމުގެ ގޮތުގައި ކަަމަށެވެ. އެއީ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހަސަން ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ޝުއައިބު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި މިހުރިހާ ކަމެއްގެ ސިއްރަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސް ރައީސް ނަޝީދު ބޮޑުވަޒީީރަަކަށް ވުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އެކަމަކު އެކަން ކުރަން، ބުރަ މަސައްކަތުން އުފެއްދި ޕާޓީ ގުރުބާންކުރާކަށް ޒަމީރާއި ފިކުރު ޖާގަ ނުދޭކަމަށް ވިދާޅުވެފައިވެ އެވެ.
ޝުއައިބުގެ ސިޓީއާ ގުޅިގެން ހަސަން ލަތީފު ފޮނުވި ޖަވާބު ސިޓީގައި ވިދާޅުވެފައިވަނީ، ޕާޓީގެ ރައީސް އެދިވަޑައިގެންފައިވާ ކަންކަމަކީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމުގައި ނުދެކޭ ކަމަށެވެ. އަދި ރައީސްގެ ހައިސިއްޔަތުން ނަޝީދު އެދިވަޑައިގެންފައިވާ ކަންކަން ކުރުމުގައި ޕާޓީގެ އުސޫލުތަކާ ހިލާފަށް ވަސީލަތްތައް ބޭނުންކުރަން ނުޖެހޭ ކަމަށާއި ބޭނުން ނުވެސް ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް