ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ ކޮންމެ ރަށަކަށް 10 ބޯޅަ ހަދިޔާކުރަން ނިންމައި، އެ މަސައްކަތް ފަށައިގެން ކުރިޔަށް އެބަ ގެންދެއެވެ.
މި ޕްރޮގްރާމް އާއި ބެހޭގޮތުން މައުލޫމާތު ދެއްގަމުން އެފްއޭއެމްގެ ޖެނަރަލް ސެކްޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ އެ އިދާރާއިން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް 10 ބޯޅަ ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ޖަވާ ވިދާޅުވީ ޔޫތު މިނިސްޓަރ އަޙުމަދު މަހުލޫފުގެ ވެސް މަޝްވަރާއާއި އެކު މި ޕްރޮގްރާންގެ ދަށުން ކޮންމެ ރަށަކަށް ހަދިޔާ ކުރާ މި ބޯޅަތަކަކީ މިއަހަރު ބޭއްވުމަށް ނިންމާފައިވާ މިނިވަން ޗެމްޕިއަންޝިޕްް ފުޓްބޯޅަ މުބާރާތަށް ބޭނުން ކުރުމަށް އެފްއޭއެމް އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން ގެނައި ބޯޅަތަކެއް ކަމަށެވެ.
އެހެން ނަމަވެސް މިހާރު ރާއްޖެ އޮތް ހާލަތުން މިނިވަން ޗެމްޕިއަންޝިޕް މުބާރާތް ބޭއްވެން ނެތުމުން ކޮންމެ ރަށަކަށް ވެސް ހަމަހަމަ އުސޫލަކުން ބޯޅަތައް ހަދިޔާ ކުރުމަށް ނިންމީ ކަމަށެވެ. އަދި މި އުސޫލުގެ ދަށުން ބޯޅަ ހަދިޔާކުރާނީ އެކި ދާއިރާތަކުގެ މަޖިލިސް މެންބަރުން މެދުވެރިކޮށް ކަމަށް ވެސް ޖަވާ ވިދާޅުވިއެވެ.
އަދި މި އުސޫލުގެ ދަށުން މިހާރު ވެސް މިހާތަނަށް 25 ދާއިރާ އެއްގެ މެމްބަރުންނަށް ބޯޅަ ހަދިޔާ ކުރެވިފައި ވާ ކަމަށާއި އެގޮތުން އަންނަ ހަފުތާގެ ތެރޭގައި ހުރިހާ ދާއިރާއަކަށް ބޯޅަ ހަދިޔާ ކޮށް ނިންމޭ ވަރުވާނެކަމަށް ވެސް ޖަވާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް