ރިއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ވިންގާ ގެރެތް ބޭލް ލޯނު އުސޫލުން ކުރީގެ ކުލަބު ޓޮޓެންހަމް އަށް ބަދަލުވުމަށް އެއްބަސްވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ރިޕޯޓުތަށް ބުނާގޮތުން ލޯނު އުސޫލުން ޓޮޓެންހަމް އަށް ބޭލް ބަދަލުވުމަށް އެއްބަސް ވެފައިވަނީ ބޭލްގެ މިހާރުގެ ކުލަބު ރެއާލް މެޑްރިޑް އާއި ދެމެދު ދެކެވުނު ވާހަކަތަކަށް ފަހު ވެވުނު އެއް ބަސްވުމުގެ ދަށުން 13 މިލިއަން ޕައުންޑުގެ އަގަކަށެވެ. އަދި ދާދި އަވަހަށް ބޭލް ޓޮޓެންހަމްއަށް ބަދަލުވުމުގެ ކަންކަން ނިމިގެން ދާނެ ކަމަށް ވެސް ރިޕޯޓުތަށް ބުނެފައިވެއެވެ.
ބޭލް ޓޮޓެންހަމް އަށް ދިއުމަށް އެއްބަސް ވެފައިވާ ކަމަށް ރިޕޯޓުތަށް ބުނެފައިވާއިރު، މީގެކުރިން ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް ވެސް ހާމަކޮށް ފައިވާ ގޮތުގައި ބޭލް އެންމެ ގުޅެން ބޭނުންވާ ކުލަބަކީ އޭނާގެ ކުރީގެ ކުލަބު ޓޮޓޭންހަމް އެވެ.
މީގެ ކުރިން ވެސް ގިނަ އަހަރުތަކެއް ވަންދެން ޓޮޓެންހަމްއަށް ބޭލް ކުޅެފައިވާއިރު، އޭނާ ވަނީ 2007 ވަނަ އަހަރު ސައުތެމްޕްޓަން އިން ޓޮޓެންހަމް އަށް ބަދަލުވެ 6 އަހަރު އެ ކުލަބުގައި ހޭދަކޮށްފައެވެ. އެގޮތުން ޓޮޓެންހަމްގައި ބޭލް ދެއްކި މޮޅު ކުޅުމުގެ ސަބަބުން 2013 ވަނަ އަހަރު އޭނާގެ މިހާރުގެ ކުލަބު ރެއާލް މެޑްރިޑުން ވަނީ އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޑޮލަރަށް ބޭލް ގަނެގެން ގެންގޮސްފައެވެ.
އެގޮތުން ބޭލް މިހާރުވެސް 7 ސީޒަނެއް ރެއަލްގައި ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެ ޓީމާ އެކު ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.
އެގޮތުން ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދުމުގެ އިތުރުން ސްޕެނިޝް ލީގު ދެފަހަރު ހޯދާފައިވެއެވެ. އަދި ކުލަބު ވޯލްޑް ކަޕް ތިންފަހަރު ހޯދުމުގެ އިތުރުން ޔޫއެފާ ސުޕަކަޕް ދެފަހަރު އަދި ސްޕެނިޝް ސުޕަކަޕަކާއި ސްޕެނިޝް ކަޕެއް ހޯދާފައިވެެއެވެ.
ރިޕޯޓްތައް ބުނާގޮތުން ބޭލް ހޯދުމަށް އޭނާގެ ކުރީގެ ކުލަބު ޓޮޓެންހަމްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް