ސުޝާންތު ސިންގް ރާޖްޕުޓްގެ މެނޭޖަރު ދިޝާ ސަލިއާންގެ މަރުގެ މައްސަލައިގަ ތުހުމަތުގެ އިނގިލި ދިއްކުރާ އޭނާގެ ލޯބިވެރިޔާ ރޯހަން ރާއީ އަށް އެނބުރި މުމްބާއީއަށް ނުދެވި ހުރީ ހައްޔަރުކޮށްފާނެތީ ބިރުން ކަމަށް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ މަޖިލީސް މެމްބަރު ނިތޭޝް ރާނޭ ވިދާޅުވެއްޖެ އެވެ.
މަހާރާޝްޓްރާގެ ހޯމް މިނިސްޓަރަށް އޭނާ ފޮނުވި ސިޓީއެއްގައި ވަނީ ރޯހަން އަށް މުމްބާއީއަށް ދިއުމުން ރައްކާތެރިކަމާއި ސެކިއުރިޓީ ދިނުމަށް އެދިފައި އެވެ. އަދި މުމްބާއީއިން ފިލައިގެން ދިޔައީ ދިޝާގެ މަރާއި ގުޅުމެއް ވާތީ ނޫންކަމަށާއި ނުހައްގުން ހައްޔަރުކޮށްފާނެތީ ބިރުން ދިޔައީ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީގައި ނިތޭޝް ވިދާޅުވެފައިވާ ގޮތުގައި ސެކިއުރިޓީ ދޭނެ ކަން ޔަގީންކަން ލިބުމުން ރޯހަން އެނބުރި މުމްބާއީއަށް ދާނެ ކަމަށެވެ.
ދިޝާގެ މަރުގެ މައްސަލައިގަ ރޯހަންއާއި މެދު އާންމުންގެ މެދުގައި ޝައްކު އުފެދުނީ ދިޝާ ހުރި އިމާރާތުގެ 14 ވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓުނު އިރު އެ އެޕާޓްމެންޓުގައި ރޯހަން ހުރުމުންނެވެ. އަދި އޭނާއަށް ދިޝާ ވެއްޓި މަރުވިކަން އެނގިގެން ތިރިއަށް ފޭބީ ދިޝާ ވެއްޓުނުތާ 25 މިނެޓު ފަހުން ކަމަށްވާތީ އެވެ.
ހާދިސާ ހިނގުމާއި އެކު ރޯހަން ވަނީ މުމްބާއީން ފިލައިގެން ގޮސްފައި އެވެ. އަދި އޭނާ ހޯދަން މުމްބާއީ ފުލުހުން މަސައްކަތް ނުކުރާއިރު ދިޝާ މަރުވީ އަމިއްލައަށް ފުންމާލައިގެން ކަމަށް ފުލުހުން ވަނީ ނިންމާފައި އެވެ.
ދިޝާ މަރުވީ ސުޝާންތު އަމިއްލައަށް ދަންޖެހިގެން މަރުވިތާ ހަ ދުވަސް ކުރިންނެވެ. އެހެންވެ މި ދެ މީހުންގެ މަރާއި ގުޅުމެއް ވާކަމަށް ބުނި ނަމަވެސް މުމްބާއީ ފުލުހުން އެކަން ދޮގު ކުރެ އެވެ.
އެކަމަކު މި ދެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ސުޝާންތުގެ ގާތް އެކުވެރިއަކު ބުނީ ދިޝާ މަރުވިތާ ހަތަރުވަނައަށް ވީ ދުވަހު ދިޝާގެ މަރާއި ގުޅޭގޮތުން މީޑީއާގައި ސުޝާންތު ވާހަކަދައްކަން ބޭނުންވާ ކަމަށް އޭނާ ގާތުމަށް ބުނި ކަމަށެވެ. އެވާހަކަ އާއި ގުޅޭގޮތުން ސުޝާންތު ބުނިކަމަށް ވަނީ ދިޝާ މަރުވުމުގެ ހަފްތާއެއް ކުރިން ބޮލީވުޑްގެ މަޝްހޫރު މީހުންނާއި އެކު ޕާޓީކޮށް ނުހެދުމަށް ސުޝާންތު ކައިރިން ދިޝާ އެދުނު ކަމަށެވެ.
ސުޝާންތުގެ މަރުގެ މައްސަލައިގަ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރުންނަށް އިނގިލި ދިއްކުރާއިރު މަސްތުވާތަކެއްޗާއިވެސް އެ މައްސަލަ އާއި މިހާރު ވަނީ ގުޅިފައި އެވެ. ސުޝާންތައް މަސްތުވާތަކެތި ދިން ކަމުގެ ތުހުމަތުގައި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާއި އޭނާގެ ބޭބެ ސޯވިކް ޗަކްރަބަތީ ވަނީ ހައްޔަރުކޮށްފައި އެވެ.
ދިޝާ މަރުވި އިރު ބަނޑުބޮޑު ކަމަށް ވާހަކަ ދެކެވުނެވެ. އެކަމަކު ފުލުހުން ވަނީ ދިޝާގެ ޕޯސްޓްމޯޓަމް ރިޕޯޓާއި މަރުވި އިރު ސިއްހީ ހާލަތު އަންގައިދޭ ރިޕޯޓު އާއިލާއަށް ދައްކައި އެއީ ދޮގެއްކަން ކަށަވަރުކޮށްދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް