ފޮރިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއް ހާމަ ކުރިޔަ ނުދީ ހިފަހައްޓާފައިވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުޥި ހެލްތް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. މި މައްސަލައިގަ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އެ ރިޕޯޓްތައް ހާމަވެއްޖެ ނަމަ އިތުރު ވައްކަންތަކެއް ފަޅާއަރާނެ ކަމަށެވެ. ޝިޔާމްއަށް ލިބިފައިވާ މައުލޫމާތުތަކެއް ކަމަށް ބުނެ ވިދާޅުވީ އެ ރިޕޯޓުތަކުގައި އިމްތިހާއަށް ކަންބޮޑުވާ ބޮޑެތި ވައްކަންތަކުގެ މައުލޫމާތު އޮޑިޓާ ޖެނެރަލް ހިމަނުއްވާފައިވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ޝިޔާމް ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެ ދެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓު ހީއްދަވައި އާންމު ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. މި ރިޕޯޓުތަކުގައި ހިމަނުއްވާފައިވާ މައުލޫމާތާއި ގުޅޭގޮތުން ޝިޔާމް ތަފްސީލް ދެއްވާފައެއް ނުވެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީން ކޯވިޑައި ގުޅިގެން ކޮށްފައިވާ ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓެއް ކޮށްފައިވަނީ މަޖިލީހުގެ އެދުމަށް ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް