ކަނޑަށް އެޅޭ ތެޔޮ ނެގުމަށް ބޭނުންވާ ގިނަ ސާމާނު ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފި

ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތަކަށް ތެޔޮއެޅި ތަޣައްޔަރުވާ ހާލަތެއްގައި ސާފުކުރުމަށާއި ގެއްލުންތައް ކުޑަކުރުމަށް 2.8 މިލިއަން ޑޮލަރުގެ ސާމާނު ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ. ޖަޕާނުން ދިން މެރިޓަ...

17 Aug 2020 | 10:34

ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތަކަށް ތެޔޮއެޅި ތަޣައްޔަރުވާ ހާލަތެއްގައި ސާފުކުރުމަށާއި ގެއްލުންތައް ކުޑަކުރުމަށް 2.8 މިލިއަން ޑޮލަރުގެ ސާމާނު ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ޖަޕާނުން ދިން މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް އެހީގެ ދަށުން ކަނޑަށް އެޅޭ ތެޔޮ ނެގުމަށް ބޭނުންވާ ގިނަ ސާމާނު ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. ސަރުކާރުން ބުނީ، މިއީ ރާއްޖޭގެ ކަނޑަށް ތެޔޮއެޅި ތަޣައްޔަރުވުމުން ސަލާމަތްކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ވެދެއްވި ބޮޑު އެހީއެއްކަމަށެވެ.

ހުޅުމާލޭ ކޯސްޓުގާޑަށް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ޙަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިއެވެ. އަދި މިސާމާނާ ދިވެހި ސަރުކާރުގެ ފަރާތުން ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ރާއްޖެ އާއި ޖަޕާނާއި ދެމެދު އޮންނަނީ ދިވެހިންނަށް އެތައް ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭ ފަދަ ގާތް ރަޙުމަތްތެރިކަމެއްކަމަށެވެ. އަދި އެކަމަނާ ވަނީ ޖަޕާނުން ރާއްޖެއަށް ޒަމާނުއްސުރެ އެކި ދާއިރާތަކުން ވެދެއްވާފައިވާ ގިނަގުނަ އެހީތެރިކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

ޖަޕާނުން ރާއްޖޭގެ ކަނޑުތަކުގެ ރައްކާތެރިކަމަށްޓަައި މިފަހަރު ވެދެއްވި އެހީތެރިކަމަކީ އެކަމަށް ދިވެހިން އެދިއެދި ތިބިފަދަ މުހިއްމު އެހީއެއްތެރިކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއި ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަމަކީ މިސަރަޙައްދުގެ ޤައުމުތަކުގެ ވިޔަފާރިއާއި ގުޅިފައިވާ ކަމެއްކަމަށާއި އަދި ރާއްޖޭގެ ފަތުރުވެރިކަމާވެސް ގުޅިފައިވާ ކަމެއްކަމަށެވެ. އެހެންކަމުން ވިޔަފާރީގެ މުހިއްމު މި ރޫޓުގެ ސަލާމަތަށް މަސައްކަތްކޮށް ރާއްޖޭގެ އިގްތިޞާދު ޙިމާޔަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް ސަފީރު ޔަނާއި ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް ވަރުގަދަކުރުމަށްޓަކައި ޖަޕާނުން 2.8 މިލިއަން ޑޮލަރުގެ ސާމާނު ރާއްޖެއަށްވަނީ ހަދިޔާކޮށްފައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާއިރު ގާތްގަނޑަކަށް 43 މިލިއަން ދިވެހި ރުފިޔާއެވެ. އެހީގެ ސާމާނު ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް