މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަންގެ މަސައްކަތްތައް އަލުން ފެށުމަށް ނިންމައިފި އެވެ.
އެ ޖަމިއްޔާގެ މަސައްކަތްތައް ހުއްޓުނީ 2014 ވަނަ އަހަރު ނޫސްވެރިންގެ ހިތްހަމަ ނުޖެހުންތަކާ ހެދި ހަމަނުޖެހުން ބޮޑުވެ އެމްޖޭއޭގެ ހިންގާ ކޮމިޓީއެއް އިންތިހާބު ނުކުރެވިގެންނެވެ.
އެމްޖޭއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަލުން އެ ޖަމިއްޔާގެ ހަރަކާތްތައް ފެށުމަށްޓަކައި ހިންގުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ފަސް ވަނަ ދުވަހު ޖަމިއްޔާގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުުމަށް އާންމު ޖަލްސާއެއް ބާއްވާނެ އެވެ.
އެމްޖޭއޭގެ އަސާސީ ގަވައިދު ބުނާ ގޮތުން ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ބޭނުން މެންބަރުން އާންމު ޖަލްސާގައި އެކަމަށް ޝައުގުވެރިކަން ހާމަކުރަން ޖެހެ އެވެ. އެ ޖަލްސާގައި މީހުން މަގާމުތަކަށް ހޮވަން ވޯޓަށް އަހައި މަގާމުތަކަށް މީހުން ހޮވާނެ އެވެ.
އެމްޖޭއޭގެ ހިންގާ ކޮމިޓީގައި އެކުލެވިގެންވަނީ ހަ މަގާމެކެވެ. އެއީ ރައީސް، ނައިބު ރައީސް، ހިންގާ ސެކެޓްރީ، ބަޖެޓް ސެކެޓްރީ އަދި އާންމު މެންބަރުންގެ ތެރެއިން ދެ މެމްބަރުންނެވެ.
މިއަހަރުގެ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އެ ޖަމިއްޔާއިން ބުނީ އެ ޖަލްސާގައި ބައިވެރިވެވޭނީ މި މަހު 31 ގެ މެންދުރު 2:00 ގެ ކުރިން މެމްބަރަކަށް ވުމަށް ހުށަހަޅާ ފަރާތްތަކަށެވެ.
ކުރިން މެމްބަރުންގެ ގޮތުގައި ތިބި ނޫސްވެރިންވެސް އަލުން މެމްބަޝިޕް ފޯމް ހުށަހަޅަން ޖެހެ އެވެ. އެއީ ޖަމިއްޔާ ނުހިންގާތަ ގިނަ ދުވަސްވެފައިވާތީ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް