ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަހަރަކު 30 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން، އިންކަމް ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ދައްކަންޖެހޭ އިންޓަރިމް ޕޭމަންޓް ދައްކަންވާނީ މީރާ ކަނެކްޓް ނުވަތަ އެމް.އާރު.ޓީ.ޖީ.އެސް މެދުވެރިކޮށްކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި، ޓެކުހާގުޅޭ އެންމެހާ އިލްތިޒާމުތައް އޮންލައިންކޮށް އަދާކުރުމަށް މީރާއިން އިލްތިމާސްކޮށްފައެވެ. އަދި މިދިޔަމަހުގެތެރޭ މީރާއިން ވަނީ އެ އޮތޯރިޓީން ބަލައިގަންނަ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.
ޓެކުހުގެ އިތުރުން މީރާއަށް ބަލައިގަންނަމުންދާ އެހެނިހެން ފައިސާގެ ތެރެއިން އޮންލައިންކޮށް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިނުވާ ފައިސާވެސް މިހާރު އޮންލައިންކޮށް މީރާއަށް ދެއްކޭނެއެވެ. މިފަދަ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ބަލައިގަތުމަށް ޙާއްސަކޮށްފައިވާ މީރާގެ "ވާރު ޕޭ" މެދުވެރިކޮށެވެ.
ވާރު ޕޭ މެދުވެރިކޮށް މީގެކުރިންވެސް ކުންފުނިތަކުގެ އަހަރީ ފީއާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ޓްރެފިކްއާއި ގުޅޭގޮތުން ކުރާ ޖޫރިމަނާއާއި، މުދަލު ޒަކާތާއި މިނޫންވެސް ބައެއް ފައިސާ ދިޔައީ ބަލައިގަންނަމުންކަމަށް މީރާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް