މިދިޔަ އަހަރު ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 77 މިލިއަން ރުފިޔާ އިތުރުވެފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ހާމަކޮށްފިއެވެ.
އެސްޓީއޯއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ރިޕޯޓުގައިވާގޮތުން އެކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ.
އެސްޓީއޯއިން ބުނީ، ތެޔޮ ވިއްކައިގެން 6.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މިއީ 2018 ވަނަ އަހަރު ލިބުނު 6.3 ބިލިއަން ރުފިޔާގެ އާމްދަނީއާއި އަޅާ ބަލާއިރު 77 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ އަހަރުތެރޭ އެސްޓީއޯއިން ވަނީ ތެޔޮ ރައްކާ ކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކާމިޔާބު މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން އެސްޓީއޯގެ ތެޔޮ ރައްކާކުރާ ފުނަދޫގެ އެކްސްޕެންޝަން މަޝްރޫއު މިދިޔަ އަހަރު ވަނީ ނިންމާލާފައެވެ.
މި މަޝްރޫއާއެކު ފުނަދޫގައި ތެޔޮ ރައްކާކުރާ މިންވަރު ދެގުނައަށް ވަނީ އިތުރުވެގެން ގޮސްފައެވެ.
ރާއްޖޭގައި ތެލުގެ ޔަޤީންކަން ކަށަވަރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެސްޓީއޯއިން ވަނީ 2018 ވަނަ އަހަރުތެރޭ 25 ހާސް ޓަނުގެ ތެޔޮ އުފުލޭ ޓޭންކަރެއް ރާއްޖެ ގެނެސްފައެވެ. މި ތެޔޮ ޓޭންކަރާއެކު، އެސްޓީއޯއިން ރާއްޖެއަށް ތެޔޮ ގެނައުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް