ފުރިހަމަ އިތުބާރު މިނިސްޓަރު ފައްޔާޒަށް އެބަ އޮތް: ރައީސް ސޯލިހް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި ދިފާއު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މި...

17 Aug 2020 | 08:10

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި ދިފާއު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިހާރު ނޫހަށް މައުލޫމާތުދެއްވަމުންނެވެ.

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގައި ނެގުމަށް، ރައީސް ނަޝީދު އިސްވެ ހުރެ މަސައްކަތް ފައްޓަވާފައިވާއިރު މިހާރަށް މައުލޫމާތުދެއްވަމުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ ފައްޔާޒް މަގާމުން ވަކިކުރާ ވަރުގެ އެއްވެސް ކަމެއް މިހާތަނަށް ހިނގާފައި ނެތް ކަމަށެވެ.

"އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބަ އޮތް މިނިސްޓަރު ފަޔާއާ ދޭތެރޭގައި. ސަރުކާރުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވުމުގައި މިނިސްޓަރު ފަޔާ ހުންނެވީ. އަޅުގަނޑުމެން ވި ވައުދުތައް ފުއްދުމުގައި ވެސް ހުންނެވީ ވަރަށް ކުރީގައި. ޚާއްސަކޮށް ކޮވިޑާ ގުޅިގެން މި ދިމާވި ކަންކަން ހައްލު ކޮށްދެއްވުމުގައި ވަރަށް ބުރަކޮށް އުޅުއްވާ މިނިސްޓަރެއް އެއީ،" މިހާރަށް މައުލޫމާތުދެއްވަމުން ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހް ވިދާޅުވެފައިވަނީ މިނިސްޓަރު ފައްޔާޒުގެ އެއްވެސް ޝަކުވާ އެއް މިހާތަނަށް ލިބިފައިނެތް ކަމަށާއި، އެހެން ނަމަވެސް ކަންކަން ނިންމާއިރު އެންމެން ރުހޭ ނިންމުމަކަށް ނުވެދާނެ ކަމަށެވެ. ދައުލަތުން ކަމެއް ކުރާނީ އެންމެންގެ މަސްލަހަތަށް ބަލާފައި ކަމަށެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ކާމިޔާބު ކުރަން 44 ވޯޓު ބޭނުންވާނެއެވެ. ނަމަވެސް އަދި މިހާތަނަށް އެކަމަށް ލިބިފައިވަނީ 23 ވަރަކަށް ވޯޓު ކަމށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް