ބައްދަލުވުން ނުބޭއްވިގެން އުޅެނީ ޔާމީންގެ ވަކީލުން ބޭނުން ނުވާތީ: އިމްރާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ބައްދަލު ނުކުރެއްވިގެން އުޅުއްވަނީ އެ ވަކީލުން އެ ބައްދަލުވުން ބާއްވަން ބޭނުން ނުވާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅު...

17 Aug 2020 | 07:17

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ބައްދަލު ނުކުރެއްވިގެން އުޅުއްވަނީ އެ ވަކީލުން އެ ބައްދަލުވުން ބާއްވަން ބޭނުން ނުވާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކާއި ގުޅިގެން ޖަލުތަކަށް ޒިޔާރަތް ކޮށްގެން ގައިދީންނާއި ވަކީލުން ބައްދަލު ކުރުން އޮތީ ދެ މަހެއްހާ ދުވަހަށް މެދުކަނޑާލެވިފައި އެވެ. އަދި މިހާރު ކޯވިޑައި ގުޅިގެން އިތުރަށް އަޅާފައިވާ ފިޔަވަޅުތަކާއި އެކު މާފުށީ ޖަލު އާންމު ހާލަތަށް ގެނެސްފައި ވީނަމަވެސް މާލެއިން ވަކީލުންނަށް އެ ރަށަށް ދިއުމަކީ ފަސޭހަ ކަމެއް ނޫނެވެ.

އެހެންވެ ކަރެކްޝަނުން އަންގަމުން ދަނީ އޮންލައިންކޮށް ބައްދަލުވުން ބޭއްވުމަށް އޮންލައިން ފޯމް ހުށަހެޅުމަށެވެ. ކަރެކްޝަންސް އިން ބުނީ ރައީސް ޔާމީންގެ ވަކީލުންނަށް އެކަން އެ އިދާރާއިން ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ.

މިއަދު ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީންގެ ވަކީލުން ބޭނުންފުޅު ނުވެގެން އެ ބައްދަލުވުން ނުބޭއްވިގެން އުޅެނީ ކަމަށެވެ، މިނިސްޓަރު ވިދާޅުވީ ކަރެކްޝަންސް އިން އަމިއްލަ އިސްނެގުމަށް އެ ބައްދަލުވުން ބާއްވަން ވަރަށް މަސައްކަތް ކުރެއްވިއްޖެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީންގެ ވަކީލުންނާއި ބައްދަލުވުން ހަމަޖެއްސުމަށް ރާއްޖޭގެ އެއްވެސް ކޯޓަކުން އިމްރާންގެ މައްޗަށް އަމުރެއް ނެރުއްވާފައި ނުވާ ކަމަށެވެ.

https://twitter.com/ShimranAb/status/1295253599354671104

އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ކަރެކްޝަނަލް ސާވިސް އިން ޔާމީން އާއި ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. އެ ގޮތަށް ކޯޓުން އަމުރު ކުރީ ވަކީލުންނާއި ބައްދަލު ނުކުރެއްވޭތީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައުލޫމާތު ނޭނގޭ ކަމަށް ޝަރީއަތުގައި ވިދާޅުވުމުންނެވެ.

މި ޝަރީއަތުގެ އިތުރުން ހައިކޯޓުގައި ކުރިޔަށްދާ މަނީ ލޯންޑަރިންގެ ހުކުމުގެ އިސްތިއުނާފު އަޑު އެހުންވެސް ވަނީ ވަކީލުންގެ ބައްދަލުވުން ނުބޭއްވޭތީ ކުރިޔަށް ގެންދެވޭ ގޮތް ނުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް