ފަހަތުން އަރާ ޔުނައިޓެޑް ބަލިކޮށް ސެވިއްޔާ ޔޫރޮޕާ ލީގުގެ ފައިނަލަށް

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން ފަހަތުން އަރާ 2-1 އިން މޮޅުވެ، ސްޕެއިންގެ ސެވިއްޔާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މުބާރާތުގެ ފައިނަލްގައ...

17 Aug 2020 | 06:29

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން ފަހަތުން އަރާ 2-1 އިން މޮޅުވެ، ސްޕެއިންގެ ސެވިއްޔާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލްގައި 5 ފަހަރެއްގެ މަތިން ކުޅެފައިވާ އަދި ޖެހިޖެހިގެން 3 ފަހަރު ތަށި ހޯދުމުގެ ޝަރަފު ވެސް ހޯދާފައިވާ ސެވިއްޔާގެ ޑި ޔޯން ފަހު ވަގުތު ޖެހި ލަނޑާއެކު ޔުނައިޓެޑް ކަޓައިގެން ދިޔައިރު، ޔުނައިޓެޑަށް މި ސީޒަން ވެސް ނިންމާލަން މި ޖެހުނީ ހުސްއަތާއެވެ.

މެޗުގެ ކުރީކޮޅު ޔުނައިޓެޑަށް ލީޑު ނަގައިދިނީ ބްރޫނޯ ފެނާންޑޭޒް އެވެ. މިއީ ސެވިއްޔާގެ ޑިއޭގޯ ކާލޯސް ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް ކުރި ފައުލްއަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ފެނާންޑޭޒް ޖެހި ލަނޑެކެވެ.

ޔުނައިޓެޑްގެ ލަނޑަށް ފަހު ސެވިއްޔާއިން އިތުރަށް ކުޅުން ވަރުގަދަކޮށް ނަތީޖާ ހަމަހަމަ ކުރަން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 26 ވަނަ މިނިޓުގައި ސާޖިއޯ ރެގުއިލޯން ޔުނައިޓެޑްގެ އޭރިޔާގެ ތެރެއަަށް ހުރަސްކޮށްލި ބޯޅައަށް ދުރުކަނުން އަރާ ބޯޅަ ގޯލަށް ފޮނުވާލައިގެން ނަތީޖާ ހަމަހަމަ ކޮށްދިނީ ސޫސޯއެވެ.

މެޗުގެ ބޮޑުބައިގައި ޑޮމިނޭޓްކުރި ޔުނައިޓެޑްގެ މާޝިއަލް، ރަޝްފޯޑް، ފެނާންޑޭޒް އަދި ގްރީންވޫޑްއަށް ލަނޑު ޖަހަން ފުރުސަތުތައް ފަހިވިޔަސް އެކަން ކާމިޔާބު ނުކުރެވުނެވެ. އަނެއްކޮޅުން ސެވިއްޔާގެ ގޯލްކީޕަރ ޔަސީން ބޯނޯގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މީގެ ހަ އަހަރުން ކުރިން ޕްރިމިއާ ލީގުގެ ނިއުކާސަލްއަށް ކުޅުނުއިރު ބޮޑު ޕްލޮޕަކަށްވި ޑި ޔޯން ވަނީ ޔުނައިޑެއްގެ ޑިފެންޑަރުންނަށް ހެދުނު ގޯހުގެ ފައިދާ ނަގައި، ލަނޑު ޖަހައި ސެވިއްޔާއަށް މެޗު ކާމިޔާބު ކޮށްދީފައެވެ. އޭނާ މި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުމެއެވެ.

ސެވިއްޔާއިން ފައިނަލްގައި ވާދަކުރާނީ މިރޭ ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ބައްދަލުކުރާ އިންޓަ މިލާން އާއި ޝަކްތާ ޑޮނެސްކް ގެ ތެރެއިން މޮޅުވާ ޓީމަކާ އެވެ. އިންޓަ އަދި ޝަކްތާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް