ކޯވިޑް-19 އާއި ގުޅިގެން ސީރިއަސް ހާލަތުގައި ފަރުވާދޭން ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރަން ކުއްލިއަކަށް ރާއްޖެއަށް ގެންނަން ޖެހުނު ވެންޓިލޭޓަރުތަކަކީ ވަރަށް އަވަހަށް ގެންނަން ޖެހުނު އަގުބޮޑު އެއްޗެހި ތަކެކެވެ.
ވެންޓިލޭޓަރުތައް ގެންނަން ކުންފުނިތަކާއި ހަވާލު ކުރީންސުރެ އާންމުންނާއި ނޫސްވެރިން ވަނީ ވެންޓިލޭޓަރު ގަންނަން ހަވާލު ކުރި ގޮތާއި ކުންފުނިތައް ހިޔާރު ކުރި ގޮތާއި ފައިސާ ހަރަދު ކުރަމުންދާ ވަރުގެ މައުލޫމާތުތައް ހޯދަން އެތައް މަސައްކަތެއް ކޮށްފައި އެވެ. އޭރުގައި ހެލްތް މިނިސްޓްރީން ދިޔައީ ނެޝަނަލް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު މެދުވެރިކޮށް ވެންޓިލޭޓަރުތައް ގެނައުމުގެ ކަންކަން ވަރަށް ރީއްޗަށް އޮމާން ކުރަމުންނެވެ.
ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާއި ހަވާލު ކުރި އެވެ. އެއީ ދިވެހި ދެ ކުންފުންޏަކާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއެވެ.
މީގެ ތެރެއިން ދުބާއީގެ ކުންފުންޏާއި 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރީ 34 މިލިއަން ރުފިޔާ އަށެވެ. އަނެއް ދިވެހި ދެ ކުންފުންޏަށް އެޑްވާސް ފައިސާ ދީފައި ނުވާއިރު ދުބާއީގެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި އަގުގެ 90 ޕަސެންޓު ކަމަށްވާ 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ދުބާއީ ކުންފުންޏާއި ހަވާލުކޮށްގެން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން އެކުލެވޭކަމުގެ ޝައްކު އޭރު ކުރެވުނީ އެއްވެސް ތަޖުރިބާއެއް ނެތް ގާބިލްކަން ކަށަވަރު ނުވާ ބަޔަކާއި ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރުމުންނެވެ. އޭރު އެންމެ ބޮޑަށް ކުރެވުނު ސުވާލަކީ އެ ކުންފުންޏަކީ ގާބިލް ކުންފުންޏެތޯ ބަލަން ހެލްތް މިނިސްޓްރީން ކުރީ ކޮން ކަމެއްތޯ އެވެ. ހަމައެކަނި އެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކުރަން ޖެހުނު ގޮތާއި ގުޅޭގޮތުންނެވެ.
ހެލްތް މިނިސްޓްރީން ދުބާއީ ކުންފުންޏަށް އެކަނި އެޑްވާންސް ފައިސާ ދިންގޮތެއް ކުންފުންނާއި ހަވާލު ކީއްވެގެންކަމެއް ސާފެއް ނުވި އެވެ. ހަމައެކަނި ބުނަމުން ދިޔައީ އެ ކުންފުންޏާއި ވެންޓިލޭޓަރު ގަންނަން ހަވާލު ކުރީ ޑަބްލިއުއެޗްއޯއިން އެކަމަށް ލަފާ ދިނުމުން ކަމަށެވެ.
މިނިސްޓްރީން އޭރު ދިން ޖަވާބުތަކާއި ގުޅިގެން އޭރުވެސް އަދި މިހާރުވެސް ގަބޫލް ކުރާ ހަގީގަތަކީ ވެންޓިލޭޓަރު ގަތުމުގައި ހެލްތް މިނިސްޓްރީން އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ކޯވިޑްގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ވެންޓިލޭޓަރުތައް ގަތުމަށް ޑަބްލިއުއެޗްއޯއިން ލަފާ ދީފައެއް ނުވެ އެވެ. އެކަމަކު އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަމިއްލަ ހައިސިއްޔަތުން ވެންޓިލޭޓަރުތައް ގެނެވިދާނެ ކުންފުނިތަކާއި ގުޅޭގޮތުން ލަފާ ދީފައިވާ ކަމަށް ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ދެން ފާހަގަ ކޮށްފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ދައުލަތުން ބޮޑު ހޭދައެއް ކުރާ ގޮތަށް އެއްބަސްވުމެއް ހެދިއިރު އެ ކުންފުންޏަކީ މާލީ ގޮތުންނާއި ފަންނީ ގާބިލްކަން ހުރި ކުންފުންޏެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފަ ނުވެ އެވެ. އެ ކުންފުނިން ހުށަހެޅި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ވެސް ހެލްތު މިނިސްޓްރީން ކަށަވަރުކޮށްފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
ވެންޓިލޭޓަރުތައް ގަންނަ ބިޑަކާއި ނުލައި ހަވާލު ކުރުމާއި އެކު އާންމުންގެ ހިތްހަމަ ނުޖެހުންތައް އިތުރުވާން ފެށުމުން ހެލްތް މިނިސްޓްރީން ބުނީ އެހާ ބޮޑު އަގެއްގައި ބިޑަކައި ނުލައި ހަވާލު ކުރީ ދެ ހަފްތާ ތެރޭގައި ވެންޓިލޭޓަރުތައް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން އެއްބަސްވެފައިވާތީ ކަމަށެވެ. އެކަމަކު އޮޑިޓް ރިޕޯޓަށް މައުލޫމާތު ދިނުމާއި ހަމައަށް އެ ކުންފުންޏަށް 75 ވެންޓިލޭޓަރު ފޯރުކޮށްދެވިފައެއް ނުވެ އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ކުންފުނިން އޮޑިޓް ކުރި ތާރީހަށް ރާއްޖެއަށް ފޯރުކޮށްދީފައިވަނީ 11 ވެންޓިލޭޓަރެވެ. އެ ވެންޓިލޭޓަރުތަކަކީ އެއްބަސްވުމުގައި ބުނެފައިވާ ބްރޭންޑުގެ ވެންޓިލޭޓަރު ނޫންކަން ފާހަގަކޮށް ބުނެފައިވަނީ ސަޕްލައި ކުރަން ހުށަހަޅާފައިވަނީ ޑްރިގާ ބްރޭންޑު ނަމަވެސް އެ ކުންފުނިން ފޮނުވާފައިވަނީ ވެއިން މަން ކިޔާ ބްރޭންޑެއްގެ ވެންޓިލޭޓަރުތަކެއް ކަމަށެވެ.
މިހާތަނަށް ލިބުނު ވެންޓިލޭޓަރުތަކަކީ ބޭނުން ކުރެވޭ ވެންޓިލޭޓަރުތަކަކަށްވެސް ނުވެ އެވެ. އެ ތަކެތި ހެލްތު މިނިސްޓްރީގެ ގުދަނުގައި އެބަހުރި ކަމަށާއި އެތަކެތީގައި އެއްބަސްވި ފީޗާސްތަކެއް ނެތް ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެ ވެންޓިލޭޓަރުތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ބަޔޯމެޑިކަލް އިންޖިނޭރުން ހިމެނޭ ޓީމަކުން އެކުލަވާލި ރިޕޯޓުގައި ހިމަނާފައިވާ ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައި ވަނީ ދުބާއީ ކުންފުންޏަށް ދައުލަތުން މިހާ ބޮޑު ހޭދައެއް ކުރި ސަބަބު ތަހުގީގުކޮށް، ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅިު އެޅުމަށެވެ.
މި މައްސަލަތަކުން އެނގިގެން ދަނީ ކިތަންމެ މުހިންމު އަދި އަވަހަށް ކުރަން ޖެހޭ ކަމެއްގައިވެސް އޮންނަ އުސޫލުތަކާއި ގަވައިދާ ހިލާފަށް ކަމެއް ކުރަން އުޅެފި ނަމަ އެކަމެއްގައި ކޮރަޕްޝަން ނުހިމެނި ނުދާކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް