ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 17 ވަނަ ދުވަސް ދުނިޔޭގެ އިމޯޖީ ދުވަހުގެ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ފާހަގަ ކުރަމުންނެވެ. ޑިޖިޓަލް އައިކަން ތަކެއްގެ ޒަރިއްޔާއިން އިހުސާސްތައް ފާޅުކުރެވެމުން އަންނާތީ މި ދުވަހަކީ ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން މުވާސަލާތީ ހިދްމަތް ފޯރުކޮށްދެމުން އަންނަ ކުންފުނި، ދިރާގުން މިވަނީ މިދުވަސް ފާހަގަކުރަން ނިންމާފައެވެ. ދިރާގުން ބުނީ، ދިރާގުގެ ފޭސްބުކް، ޓްވިޓާ، އިންސްޓަގްރާމް ގައި ތިން އިމޯޖީގެ ޒަރިއްޔާއިން އެންމެ ގާތް އެކުވެރިޔާ ސިފަކޮށްދޭށެވެ. އަދި ނަސީބުވެރި ފަރާތަށާއި، އެ ފަރާތެއްގެ އެކުވެރިޔާއަށް މިވަނީ 5 ޖީބީގެ ޑޭޓާ ދޭން ނިންމައިފައެވެ. މާދަމާ ރޭގެ 11:59 އަކާއި ހަމައަށް ދިރާގުން ވަނީ މި ފުރުސަތު ހުޅުވާލައިފައެވެ.
އިމޯޖީތައް ވުޖޫދަށް އައި ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ އިމޯޖީއެއް އުފައްދާފައިވަނީ 1999 ވަނަ އަހަރު ޖަޕާނުގެ ކުރެހުންތެރިއެއް ކަމަށްވާ ޝިގެޓަކާ ކުރިޓާއެވެ. ކުރެހުންތެރިޔާ ބުނީ، މި އިމޯޖީއަކީ ޖަޕާނުގެ މުވާސަލާތީ ކުންފުންޏަކަށް ފަސޭހަކަމާއި އެކު މައުލޫމާތު ފެތުރުމަށް ތައްޔާރު ކުރެވިގެން ދިޔަ އެއްޗެއް ކަމަށެވެ. އޭނާ ވަނީ އެ ކުންފުންޏަށް 127 އިމޯޖީ ޑިޒައިން ކުރަހަދީފައެވެ.
ޖަޕާނުގެ އިތުރުން އެހެން ގައުމުތަކުން އިމޯޖީ ބޭނުން ކުރަން ފަށާފައިވަނީ ދެހާހުގެ އަހަރުތަކުގެ މެދުތެރޭގައެވެ. އެގޮތުން އެޕަލް އަދި އެންޑްރޮއިޑުން ވަނީ އިމޯޖީތައް ކޮޕީކުރުމަށްފަހު މެސެޖު އަދި އީމެއިލްގައި ބޭނުން ކުރެވޭނެ ގޮތް ހަދައިފައެވެ. އަދި އޭގެ ފަހުން އެޕަލް ކުންފުނިން ވަނީ އިމޯޖީއަށް ހާއްސަ ކިބޯޑެއްވެސް ތައްޔާރުކޮށްފައެވެ. އެންޑްރޮއިޑުން މި ފީޗާ ތައާރަފްކުރީ އޭގެ 2 އަހަރު ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް