ށ. ފުނަދޫ އާއި ބ. އޭދަފުށީގައި ގާއިމް ކުރި ކޯވިޑް މެނޭޖްމެންޓު ފެސިލިޓީ ރަސްމީކޮށް ހުޅުވައިފި އެވެ.
މި ދެ ތަން ރަސްމީކޮށް ވާޗުއަލްކޮށް ހުޅުވައިދެއްވީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
ފުނަދޫ އާއި އޭދަފުށީގައި ގާއިމްކޮށްފައިވާ ކޯވިޑް ފެސިލިޓީގައި 20 އައިސީޔޫ ބެޑާއެކު 37 އައިސޮލޭޝަން ބެޑް ހުންނާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. ރާއްޖޭގެ އަތޮޅުތައް ފަސް ޒޯނަކަށް ބަހާލައިގެން، ފަސް ރަށެއްގައި ކޮވިޑް ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި ދެރަށުގެ އިތުރުން ލ. ގަމާއި ގއ. ވިލިނގިލި އަދި އައްޑޫ ސިޓީ ގައި ވެސް ކޯވިޑް ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަންނަ ހަފްތާގައި ލ. ގަން އަދި ގއ. ވިލިނގިލީ އަދި އައްޑޫ ސިޓީ ހިތަދޫގެ ފެސިލިޓީތައް ނިންމާލެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި ފެސިލިޓީތައް ތައްޔާރީ ހާލަތުގައި ހުރި ނަމަވެސް މި ތަންތަނުގައި ކޯވިޑް ޖެހޭ މީހުންނަށް ފަރުވާ ދޭނީ މާ ގިނަ އަދަދަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ނަމަ އެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެފައިވަނީ މިހާރު ބަލި ޖެހެމުންދާ މީހުންގެ ނިސްބަތަށް ބަލާނަމަ އަތޮޅު ތެރެއިން ޕޮސިޓިވްވާ މީހުންނަށް ފަރުވާ ދޭން ގެންނާނީ މާލެ އެވެ.
އޭނާ ވިދާޅުވީ އެންމެ މީހަކު ނުވަތަ ދެ މީހަކު އެ ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަކީ ހަރަދުތަކެއް ހިނގާނެ ކަމަކަށް ވާތީ ގިނަ ބަޔަކު ނެތް ނަމަ ހުރިހާ އެންމެންނަށް ފަރުވާދޭނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
އަތޮޅު ތެރޭގައި ގާއިމްކުރަމުންދާ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ދޭންޖެހޭ އިރުޝާދުތައް ދެނީ އައިޖީއެމްއެޗުންނެވެ.
ކޯވިޑް ފެސިލިޓީ ގާއިމް ކުރާ ރަށްރަށުގައި ކޯވިޑަށް ޓެސްޓު ކުރުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް