މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ 39 އަހަރުގެ ދެ މީހަކު ހައްޔަރު ކުރި އެވެ.
އެކަމަކު އެމީހުން ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތުޖެހުމެއް، ބަޔާން ނެގުމެއް، ޓެސްޓު ކުރުމެއް ނެތި ދޫކޮށްލީ ބަންދުގައި ބައިތިއްބާނެ ސަބަބެއް ނެތިގެން ނެވެ. އެހެން ކަމަށް ވާއިރު އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަށް އަނެއް ރޭ ނޫސްވެރިންނަށް ހާމަ ކުރުމުގެ ބޭނުމެއް ނެތެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ މައްސަލައިގަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނަކީ ސިޔާސީ ގޮތުން ނުފޫޒުގަދަ ބައެކެވެ. އެހެންވެ ފުލުހުންނަށް އެމީހުން ދޫކޮށްލަން މަޖުބޫރުވީ އެވެ.
އެ މައްސަލައިގަ އެއްވެސް މައުލޫމާތެއް އިތުރަށް ހާމަނުކޮށް ތިބުމަށް ފަހު އިއްޔެ ފުލުހުން އެ މައްސަލައިގައި ތަފްސީލް ހާމަ ކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ އެ އަންހެން މީހާ މޫދަށް ފުންމާލީ ސަފާރީގައި އެ ދެމީހުންގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވާން ފެށުމުން ދެވަނަ ފަހަރު އެކަން ތަކުރާރުވިޔަ ނުދިނުމަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އެހެންކަމުން އަންހެނަކު ރޭގަނޑު ދަންވަރު މޫދަށް ފުންމާލަން ޖެހޭނީ ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ކުރިމަތިވުމުން ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވި އެވެ. މަންނާން ވިދާޅުވީ އެކަން ހިނގާދިޔަ ގޮތް ތަހުގީގު ކުރަމުންދާ ކަމަށާއި، އެ މައްސަލައިގަ އަނިޔާލިބުނު އަންހެން މީހާ ދައްކާވާހަކަވެސް އަޑުއަހާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އަންހެން މީހާ މޫދަށް ފުންމާލުމުން ޑިންގީއެއްގައި ގޮސް އަންހެން މީހާ ނެގީ އެ ދެމީހުން ކަމަށާއި ހުޅުމާލޭ ލަކުޑި ޖެޓީއަށް އަންހެން މީހާ ގެންގޮސް ދިނީވެސް އެ ދެމީހުންކަމަށެވެ. ފުލުހުންނަށް އެމީހުން ފެނިފައިވަނީ ޖެޓީ ސަރަހައްދުގައި ތިއްބަކަމަށް މަންނާން ވިދާޅުވި އެވެ.
ތަހުގީގަށް ލިބުނު އިތުރު ކުރިއެރުމެއްގެ ގޮތުގައި އަންހެން މީހާގެ ފޯނު ސަފާރީ އޮތް ސަރަހައްދުގެ މޫދު އަޑިން ފުލުހުން ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ އަންހެން މީހާ އޮންލައިން ނޫސް "މިހާރު" އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ ފޯނުވާނީ އެ ދެމީހުންގެ އަތުގައި ކަމަށެވެ.
މި މައްސަލައިގަ ފުލުހުން 11 މީހުންނާއި ސުވާލު ކޮށްފައިވާ ކަމަށް ބުނެ އެވެ. އަދި މި މައްސަލައިގަ ކުރިޔަށް ދާނެ ގޮތަކާއި މެދު ޕީޖީ އޮފީހާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ އެވެ.
ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު ދަންވަރު އަންހެނަކު މޫދަށް ފުންމާލާނީ ބޮޑު ކަމެއް ވެގެންނެވެ. އަދި އެ ސަފާރީގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް (ރޭޕް ކުރުން) ކޮށްފައިވާ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ފުލުހުން ގަބޫލު ކުރެ އެވެ. އެހެން ކަމަށް ވާނަމަ މައްސަލައިގަ ތުހުމަތު ކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ނުގެނެވެނީ، ނުވަތަ އެމީހުންގެ ޝާމިލްވުމެއް އެކަމުގައި ވާކަން ފުލުހުންނަށް ހާމަ ނުކުރެވެނީ ކީއްވެ ކަމެއް ނޭނގެ އެވެ.
ފުލުހުން އިއްޔެ ހާމަ ކުރި މައުލޫމާތުތަކަށް ބަލާއިރު މި މައްސަލަ އެކަށީގެންވާ ހަލުވި މިނެއްގައި ކުރިޔަށް ނުދާކަން ފާހަގަ ކުރެވެ އެވެ. އެންމެ ފުރަތަމަ ހާމަކުރި މައުލޫމާތާއި މަޖިލީހުގެ ކޮމިޓީތަކުގައި ހާމަ ކުރި މައުލޫމާތުގެ އިތުރަށް ފޯނު ހޯދުން ފިޔަވާ އިތުރު ކުރިއެރުމެއް ލިބިފައެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް