ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުތައް އަލުން އިސްލާހު ކުރަން ޖެހޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.
އެމްއާރުއެމްއިން މިހެން ބުނެފައިވަނީ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން މާލޭގައި އެއްވުންތައް ބޭއްވޭނީ ދުރާލާ ފުލުހުންގެ ހުއްދަ ހޯދައިގެން ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ބުނެ ހޯމް މިނިސްޓްރީން އިއުލާނެއް ނެރެފައިވަނިކޮށެވެ. ކުރީގެ ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް މިގޮތަށް އިސްލާހު ގެނައީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން ފެށުމުން އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.
އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރައްޔިތުންނަށް ގެއްލުންވާގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލުތައް އިސްލާހު ކުރުމަށް ކޯލިޝަން ވެރިކަމަށް އައުމުގެ ކުރިން އެއްބަސްވެފައިވާނެ ކަމަށެވެ. މި އެއްވުމުގެ ދަށުން ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ މި އިސްލާހަކީ ބަދަލު ކުރުމަށް އެއްވަސްވެފައިވާ ގާނޫނެއް ކަމަށެވެ.
އެމްއާރުއެމްއިން ބުނީ އެ ގާނޫނުގެ ދަށުން މުޒާހަރާ ކުރުމުން އެތައް މެމްބަރުންނެއްގެ ގޮނޑި ގެއްލުވާލިކަން އެއީ ރައްޔިތުން ދަންނަ ހަގީގަތެއް ކަމަށެވެ. މިގޮތަށް ގެނެސްފައިވާ ނުރަނގަޅު ބަދަލުތައް ބަދަލު ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި ވެފައިވާ ވައުތަކާއި އެއްގޮތަށް ގާނޫނުތައް އަވަހަށް އިސްލާހު ކޮށްދިނުމަށް މަޖިލީހަށް ގޮވާލާކަމަށެވެ.
އިތުރަށް ބުނެފައިވާގޮތުގައި ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށް ވާނީ ރައްޔިތުންނާ ގުޅުންހުރި ގާނޫނުތައް ބަދަލުކުރެވި، ގާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރެވި، ގާނޫނުއަސާސީން ރައްޔިތުންނަށް އިންސާފު ލިބުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް