އޯގަސްޓްގައި ޗެމްޕިއަންސް ލީގު އަލުން ފަށާނީ ބޮޑެތި ބަދަލުތަކަކާއެކު

ކޯވިޑް-19 އާ ގުޅިގެން ހުއްޓުމަކަށް އައި ޔޫރަޕްގެ އެންމެ ބޮޑު ކްލަބް މުބާރާތް ޔުއެފާ ޗެމްޕިއަންސް ލީގު، މި އަހަރުގެ އޯގަސްޓް މަހުގައި އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު ޔުއެފާއިން މި ވަނީ މުބާރާ...

17 Jun 2020 | 16:46

ކޯވިޑް-19 އާ ގުޅިގެން ހުއްޓުމަކަށް އައި ޔޫރަޕްގެ އެންމެ ބޮޑު ކްލަބް މުބާރާތް ޔުއެފާ ޗެމްޕިއަންސް ލީގު، މި އަހަރުގެ އޯގަސްޓް މަހުގައި އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު ޔުއެފާއިން މި ވަނީ މުބާރާތް އަލުން ފެށުމާ ގުޅޭ އައު ނިންމުންތަކެއް ހިއްސާކޮށްފައެވެ.

ޗެމްޕިއަންސް ލީގު އަލުން ފަށާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭނީ މުބާރާތުގެ ފޯމެޓަށް ގެނައި ވަގުތީ ބޮޑު ބަދަލެވެ. މިއޮތުން ކުރިޔާ ހިލާފަށް މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގައި ވެސް ކުޅޭނީ އެންމެ މެޗެކެވެ. ކުރިން ހޯމް އެންޑް އަވޭ އުސޫލުން ކުއާޓާ އަދި ސެމީ ފައިނަލްގައި ދެ ލެގު ކުޅެމުން އައި އައުމަށް ބަދަލު ގެނައިއިރު، ކުއާޓާ ފައިނަލް މެޗުތަކާއި، ސެމީ ފައިނަލް 2 މެޗު އަދި ފައިނަލް މެޗު ވެސް ކުޅޭނީ މުބާރާތުގެ ފައިނަލް ކުޅުމަށް ކުރިން ވެސް ނިންމާފައިވާ ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ހުންނަ އަތާތޫރް އޮލިމްޕިކް ސްޓޭޑިއަމްގައެވެ.

ކޯވިޑް-19 ގެ ސަބަބުން މުބާރާތުގެ ފޯމެޓަށް ވަގުތީ ބަދަލެއް ގެނެސް ކުރުގަޅުވާލައިގެން ނިންމާލަން ޔުއެފާއަށް މަޖުބޫރުވެފައި ވިޔަސް، ރައުންޑް އޮފް 16 ގެ ދެ ވަނަ ލެގުގައި ނުކުޅެވި ހުރި މެޗުތައް ކުޅޭނީ ކުރިން ވެސް ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްތަކުގައެވެ. އެއީ އެ މެޗުތަކުގެ ފުރަތަމަ ލެގު ރަށުން ބޭރުގައި ކުޅުނު ޓީމުތަކަށް އަމިއްލަ ދަނޑުގައި ކުޅުމުގެ ފުރުސަތު ވެސް ދިނުމަކީ އެންމެ އިންސާފުވެރި ގޮތްކަމުގައި ވާތީއެވެ.

ރައުންޑް އޮފް 16 ގެ ދެ ވަނަ ލެގުގައި ބާކީ ނުކުޅެ ހުރި މެޗުތަކަކީ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް، ބާސެލޯނާ އާއި ނަޕޯލީ، ބަޔާން މިޔުނިކް އާއި ޗެލްސީ އަދި ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރާ މެޗެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ޔުއެފާއިން މިހާރު ނިންމާފައިވަނީ އޯގަސްޓް މަހުގެ 23 ވަނަ ދުވަހެވެ.

މީގެ އިތުރުން ޔުރޮޕާ ލީގުގެ ރައުންޑް އޮފް 16 ގައި އެންމެ މެޗެއް ވެސް ނުކުޅެވާ، ރޯމާ އާއި ސެވިއްޔާ، އިންޓަ މިލާން އާއި ގެޓަފޭ ބައްދަލުކުރާ މެޗުތަކުގެ ފުރަތަމަ ލެގާއި ދެ ވަނަ ލެގު ވެސް ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް، ކުޅުމަށް ހަމަޖެހިފައިވާ ދަނޑުތަކުގައި ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ބާކީ އޮތް 6 މެޗުގެ 2 ވަނަ ލެގު ވެސް ކުރިން ވެސް ހަމަޖެހިފައިވާގޮތަށް ކުރިއަށް ގެންދާނެއެވެ.

ޔުރޮޕާ ލީގުގެ ވެސް ކުއާޓާ ފައިނަލުން ފެށިގެން އޮންނާނީ 1 ލެގެވެ. ހޯމް އެންޑް އަވޭ އުސޫލު އެއްކައިރި ކުރާއިރު، ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލް މެޗު އޮންނާނީ ޖަރުމަނުގައެވެ. އަންހެނުންގެ ޗެމްޕިއަންސް ލީގު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަން ސެބަންޓައިން އާއި ބިލްބާއޯގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް