ދިވެހިރާއްޖޭގައި މަސައްކަތްކުރާ އދގެ ހުރިހާ އެޖެންސީއެއްގެ އިސް ފަރާތްތަކާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރ ޝާހިދު ބޭއްވެވި މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭ ގޮތުން އެޖެންސީތަކާއެކު މަޝްވަރާކުރައްވައި، މިހާލަތުގައި އދ އާއި އދގެ އެކި ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ތަނބުތައްކަމަށްވާ އިންސާނީ ހައްޤުތަކާއި، ޑިމޮކްރަސީ އަދި މޫސުމީ ބަދަލުތަކާ ބެހޭ ގޮތުންވެސް އެޖެންސީތަކާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނާއި، ކުރިއަށް އެޅުމަށް ރާވަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިނިސްޓަރ ޝާޙިދު މައުލޫމާތު ދެއްވި ކަމަށާއި އަދި ހަމައެއާއެކު، ނޭޝަނަލް ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވައި، މިހާރުވެސް އދގެ ބައެއް އެޖެންސީތަކުން ޓާސްކް ފޯސްގައި މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިކަމުގައި އެ މިނިސްޓްރީން ބުނެއެވެ.
ވީޑިއޯ މި ކޮންފަރެންސްގައި ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކެތަރިން ހެސްވަލް، ސަރުކާރަށް އދގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެރުވި ކަމަށާއި، ބައްދަލުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އދގެ އެޖެންސީތަކުން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ އެޖެންސީތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މިނިސްޓަރ ޝާހިދަށް އަރުވައި، ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭން ނިންމާފައިވާ އެހީތަކާ ގުޅޭގޮތުންވެސް މައުލޫމާތު އަރުވާފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އދގެ އެޖެންސީތަކުން ތައުރީފުކުރިކަންވެސް ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކޮވިޑް-19 ފެތުރެން ފެށީއްސުރެ އދގެ އެކި އެޖެންސީތަކުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ކޮވިޑް-19 އާ ކުރިމަތިލުމުގައި އދގެ އެހީތެރިކަން ލިބުނު ފަދައިން، ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުގައި އަރައިގަތުމުގައި އދގެ އެހީތެރިކަން ރާއްޖެއަށް އިންތިހާއަށް ބޭނުންވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވި ކަމަށާއި އދި ރާއްޖެ މިނިވަންވިއިރު ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި އޮތްނަމަވެސް، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ރާއްޖެ ބަދަލުވުމުގައި އދގެ ފަރާތުން ލިބުނު އެހީތެރިކަން މިނިސްޓަރ ޝާޙިދު ވަނީ ފާހަގަކުރައްވާފައި ކަމުގައިވެސް ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވީ: ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހަސްވެލް، ޑަބްލިޔު.އެޗް.އޯގެ މަންދޫބު ޑރ. އަރްވިންދް މާތޫރު، ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ، ޔުނިސެފްގެ މަންދޫބު އެމް މުނީރް ސަފީލްދީން، ޔޫ.އެން.އެފް.ޕީ.އޭ އެސިސްޓެންޓް ރެޕްރެޒެންޓޭޓިވް ޝާދިޔާ އިބްރާހިމް، އެފް.އޭ.އޯ އިން ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޝިއުބިންގް ސުންގް، އައި.އެލް.އޯ ޑައިރެކްޓަރ ސިމްރިންގް ސިންހް، ޔޫ.އެން.އޯ.ޑީ.ސީ ޕްރޮޖެކްޓް ކޯޑިނޭޓަރ ތޮއިބާ ސައީދު، އައި.އެފް.އޭ.ޑީ ގެ ކަންޓްރީ ޕްރޮގްރާމް އޮފިސަރ ޝެރީނާ ތަބައްސުމް، ޔުނޮޕްސްގެ ކަންޓްރީ މެނޭޖަރ އެޑް އިންޓަރިމް ސުދީރް މުރަލިދަރަންގެ އިތުރުން ރެޒިޑެންޓް ކޯޑިނޭޓަރގެ އޮފީހުގެ އިސް ބޭފުޅުންނެވެ.
މިނިސްޓަރ ޝާޙިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެޑިޝަނަލް ސެކްރެޓަރީ ޖާވިދް ފައިޒަލް އާއި އެސިސްޓަންޓް ޑިރެކްޓަރ އަހްމަދު ސަލްމާން ޒަކީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް