އާންމު ހާލަތުގައި ހުރި ރަށްރަށުގައިވެސް ސްކޫލަށް ދާއިރު މާސްކު އަޅަން ޖެހޭ!

އާންމު ހާލަތުގައި ހުރި ރަށްރަށުގައިވެސް ސްކޫލަށް ކުދިން ދާން ޖެހޭނީ މާސްކު އަޅައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. މާލޭ ސިޓީ ފިޔަވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޯވިޑާއި ގުޅިގެން އެޅި ފ...

17 Jun 2020 | 08:01

އާންމު ހާލަތުގައި ހުރި ރަށްރަށުގައިވެސް ސްކޫލަށް ކުދިން ދާން ޖެހޭނީ މާސްކު އަޅައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މާލޭ ސިޓީ ފިޔަވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތައް އުވާލައި އާންމު ހާލަތަށް ވަނީ ގެނެސްފައި އެވެ. ހެލްތް މިނިސްޓްރީން ބުނީ އާންމު ހާލަތުގައި ހުރި ރަށްރަށަކީ ކޯވިޑްގެ ނުރައްކާތެރިކަން ނެތް ރަށްރަށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޯވިޑާއި ގުޅިގެން ނިއު ނޯމަލްގައި ކިޔަވައިދޭން ފަށާއިރު ސްކޫލްތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި އެގޮތަށް އާންމު ހާލަތުގައި ހުރި ރަށްރަށުގެ ސްކޫލްތަކުގައިވެސް އަމަލު ކުރާނެ ކަމަށެވެ. އެގޮތުން ކުދިން މާސްކު އެޅުމާއި، ސްކޫލަށް ވަންނަ އިރު ކުދިންގެ ޓެމްޕަރޭޗާ ބެލުމާއި، ކުދިންނަށް ފަސޭހައިން އަތް ދޮވެވޭނެ އިންތިޒާމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ހުންނަން ވާނެ ކަމަށެވެ.

ނިއު ނޯމަލްގައި ސްކޫލްތަކުގެ ކިޔެވުން ކުރިޔަށް ގެންދަން ނިންމާފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް ލޮކް ޑައުންގައި ހުރި ރަށްރަށާއި މޮނިޓަރިންގެ ހާލުގައި ހުރި ރަށްރަށާއި އާންމު ހާލަތުގައި ހުރި ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ކެޓަގަރީތަކެކެވެ.

މީގެ ތެރެއިން ފުލްލޮކްޑައުންގައި އޮތް ރަށްރަށުގައި އެއްވެސް ގްރޭޑަކަށް ކިޔަވައެއް ނުދޭނެ އެވެ. މޮނިޓަރިންގައި ހުރި ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑް ނުވަޔަކުން މަތީ ގްރޭޑުތަކުގެ ދަރިވަރުންނަށެވެ. އާންމު ހާލަތުގައި ހުރި ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑް އެކަކުން ފެށިގެން މަތީގެ ގްރޭޑްތަކަށެވެ.

މާލޭ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް ނުވަޔަކުން މަތީގެ ގްރޭޑުތަކަށެވެ.

ނިއު ނޯމަލްގައި މިނިސްޓްރީން ނިންމާފައިވަނީ ހަފުތާގެ ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރަށް ކިޔަވައިދިނުމަށެވެ. ކޮންމެ ދުވަހަކު ވެސް ގިނަ ވެގެން ހަތަރު މާއްދާ ކިޔަވައިދޭއިރު ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައިވަނީ ބޭރަށް ނުކުތުމާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.

ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް