އިންޑިއާއަށް ދިޔައިރު ޕޮސިޓިވްވީ އެއް ކުންފުންޏެއްގައި މަސައްކަތް ކުރާ ތިން މީހުން

ރާއްޖެއިން އިންޑިއާއަށް ދިޔަ އެ ގައުމުގެ މީހުންގެ ތެރެއިން މިހާތަނަށް ޕޮސިޓިވްވެފައިވާކަން އެނގިފައިވަނީ ތިން މީހުން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫ...

17 May 2020 | 17:50

ރާއްޖެއިން އިންޑިއާއަށް ދިޔަ އެ ގައުމުގެ މީހުންގެ ތެރެއިން މިހާތަނަށް ޕޮސިޓިވްވެފައިވާކަން އެނގިފައިވަނީ ތިން މީހުން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެ ތިން މީހުން ނިސްބަތްވަނީ ބައިސަން ކިޔާ ކުންފުންޏަކަށް ކަމަށެވެ. މަބްރޫކްް ވިދާޅުވީ ރާއްޖޭގައި ތިބި އެ ތިން މީހުންނާއި ގުޅުން ހުރި މީހުން ކުންފުންޏާއި އެމީހުން ދިރިއުޅުނު ތަނުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ރާއްޖެއިން އެމީހުން ފުރަން ދިޔަ އިރު ބޭނުން ކުރި ބަސްތައް ޑިސްއިންފެކްޓުު ކުރުން އާންމު އުސޫލުގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިތުރު ބަޔަކުވެސް ޕޮސިޓިވްވެފައިވާކަމުގެ މައުލޫމާތު ނޫސްތަކުން ލިބިފައިވާ ކަމަށެވެ.

އެކަމަކު މިހާތަނަށް އިންޑިއާގެ ކަމާއި ބެހޭ ރަސްމީ އިދާރާތަކުން ޔަގީން ކޮށްދިނީ ތިން މީހަކު ޕޮސިޓިވްވިކަން އެކަނި ކަމަށެވެ. އެހެންވެ އިތުރު ބަޔަކު ހިމެނޭތޯ ބަލަމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެއިން އިންޑިއާއަށް ދިޔަ މީހުން ފުރުމުގެ ކުރިން ކޯވިޑް-19 އަށް ޓެސްޓުކޮށްފައި ނުވާނެ ކަމަށެވެ. ހަމައެކަނި ބެލީ އަލާމާތްތަކާއި ޓެމްޕަރޭޗާ ކަމަށާއި ފުރައިގެން ދިޔައީ އެއްވެސް އަލާމާތެއް ނެތް މީހުން ކަމަށެވެ.

އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ މާލޭގައި ދިރިއުޅު މީހުންނަށް ވިޔަސް ރާއްޖެއިން ފުރުމުގެ ކުރިން ކޯވިޑް-19 އަށް ޓެސްޓު ނުކުރީ އިންޑިއާއަށް ގެންގޮސް ޓެސްޓުު ކުރަން ދެ ގައުމުގެ ސަރުކާރަށް އެއްބަސްވެވުމުން ކަމަށެވެ. އަދި އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވާ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް ރާއްޖެއިން ދިޔަ ޖުމްލަ އަށް މީހަކު ވަނީ ކޯވިޑަށް ޕޮސިޓިވްވެފައި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން1،486 މީހަކު ވަނީ ކަނޑުމަގުން އިންޑިއާއަށް ގެންގޮސްފައި އެވެ ދެން ތިބި އެހެން މީހުން ގެންދަން ހަމަޖެހިފައިވަނީ ވައިގެ މަގުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް