ތޫފާން އަމްޕަން: ބާރުގަދަ ތޫފާނަކަށް ބަދަލުވެ މިސްރާބު އޮޑީޝާއާއި ދިމާއަށް

ބޭ އޮފް ބެންގޯލުގައި އުފެދިފައިވާ ތޫފާން އަމަޕަންގެ ބާރު އިތުރަށް ގަދަވެ "ވެރީ ސިވިއަރ ސައިކްލޯނިކް ސްޓޯމް" އަކަށް ބަދަލުވެއްޖެއެވެ. "ސިވިއަރ ސައިކްލޯނިކް ސްޓޯމް" އަކުން "ވެރީ ސައިކްލޯނިކް ސްޓޯމް" އަކ...

17 May 2020 | 12:56

ބޭ އޮފް ބެންގޯލުގައި އުފެދިފައިވާ ތޫފާން އަމަޕަންގެ ބާރު އިތުރަށް ގަދަވެ "ވެރީ ސިވިއަރ ސައިކްލޯނިކް ސްޓޯމް" އަކަށް ބަދަލުވެއްޖެއެވެ.

"ސިވިއަރ ސައިކްލޯނިކް ސްޓޯމް" އަކުން "ވެރީ ސައިކްލޯނިކް ސްޓޯމް" އަކަށް ބަދަލުވެފައިވަނީ މިއަދު މެންދުރު 14:30 ހާއިރުގައެވެ.

މި ތޫފާން މިހާރު ދަތުރުކުރަމުންދަނީ ގަޑިއަކު ފަސް ކިލޯމީޓަރު ބާރުމިނުގައެވެ. އެއީ ފާއިތުވި ހަ ގަޑިއިރު ދަތުރުކުރި ސްޕީޑެވެ. އަދި މިހާރު މި ތޫފާން ހުރީ ބޭ އޮފް ބެންގާލުގެ ގާތްގަނޑަކަށް މެދެއްހާ ހިސާބުގައެވެ.

މިއާއެކު އިންޑިއާގައި ހުންނަ ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން މިވަނީ އިންޑިއާގެ "ވެސްޓް ބެންގާލް" އާއި ބަންގްލަދޭޝްގެ "ޚެޕޫޕަރަ" އާއި އިންޑިއާގެ "އޮޑީޝާ" ސްޓޭޓަށް ރީނދޫ ސަމާލު ނެރެފައެވެ.

މިވަގުތު މި ތޫފާން ދަތުރުކުރަމުން އަންނަ ސްޕީޑް ތަންކޮޅެއް ދަށް ނަމަވެސް ކުރިއަށް އޮތް 12 ވަރަކަށް ގަޑިއިރުގެތެރޭގައި މި ތުފާން "އެކްސްޓްރީމްލީ ސިވިއަރ ސައިކްލޯނިކް ސްޓޯމް" އަކަށް ބަދަލުވެ، ދަތުރުކުރާ ސްޕީޑްވެސް ބާރުވެދާނެ ކަމަށް އަންދާޒާކޮސްފައިވެއެވެ.

މި ތޫފާނުގެ ބާރު އެންމެ ގަދަވާނެ ކަމަށް އަންދާޒާކޮށްފައިވަނީ މާދަމާ އަދި އަނެއް ދުވަހުއެވެ. މި ދެދުވަހުން ކުރެ ދުވަހެއްގައި މި ތޫފާން އިންޑިއާގެ އޮޑީޝާއާއި ހަމައަށް ފޯރާނެ ކަމުގައި ބެލެވޭއިރު ތޫފާނުގެ އަސަރު އޮޑީޝާއިން އެކަނި ހަތް ލައްކައަށްވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

މި ތޫފާނާއެކު ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ހަތަރު އިންޒާރެއް ނެރެފައިވެއެވެ. އެއީ "އަންޑަމަން އަދި ނިކޮބަރ އައިލެންޑްސް" ސަހަރައްދަށް ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭވެހޭނެކަމުގެ އިންޒާރާއި އޮޑީޝާ އަދި ވެސްޓް ބެންގާލަށް 18، 19 އަދި 20 ގައި ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރާއި އެ ސަރަހައްދުތަކުގައި ވައި ވަރަށް ގަދަވާނެ ކަމުގެ އިންޒާރާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ދީފައިވާ އިންޒާރުގެ އިތުރުން މަސްވެރިންނަށް އަމާޒުކޮށް ދީފައިވާ އިންޒާރެކެވެ.

މި ތޫފާނުގެ އަސަރު ރާއްޖެއަށްވެސް ނުސީދާގޮތެއްގައި ކުރާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ ބޯ ވިއްސާރައާއެކު ކަނޑު ގަދަވެދާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެދާނެ ކަމުގެ ސަމާލެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 09:00 އާއި ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް