ބަންގްލަދޭޝްއިން ކާބޯތަކެތި ފޮނުވަނީ ރާއްޖޭގައި ތިބި އެ ގައުމުގެ މީހުންނަށް!

ކޯވިޑް-19 އާއި ގުޅިގެން ކާބޯތަކެތީގެ ގޮތުން ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ވަމުން ގެންދާ އެއް ގައުމަކީ ބަންގްލަދޭޝް އެވެ. މިހާތަނަށް އެ ގައުމުން ދެ ފަހަރު ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފައިވާއިރު...

17 May 2020 | 09:26

ކޯވިޑް-19 އާއި ގުޅިގެން ކާބޯތަކެތީގެ ގޮތުން ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ވަމުން ގެންދާ އެއް ގައުމަކީ ބަންގްލަދޭޝް އެވެ.

މިހާތަނަށް އެ ގައުމުން ދެ ފަހަރު ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފައިވާއިރު އެންމެ ފުރަތަމަ 100 ޓަނު ތަކެތި ފޮނުވާފައިވެ އެވެ. އަދި އިއްޔެ ވަނީ 10 ޓަނުގެ ކާބޯތަކެތި ހަދިޔާ ކޮށްފައި އެވެ.

ކާބޯތަކެތީގެ އިތުރުން މެޑިކަލް ސާމާނާއި ބޭހާއި 10 ޑޮކްޓަރުން ހިމެނޭ ޓީމެއްވެސް ރާއްޖެ ފޮނުވާފައިވެ އެވެ. ހަދިޔާ ކުރި ކާބޯތަކެތީގެ ތެރޭގައި ފިޔާ، ބިސް މުގު، އަލުވި، ކުކިން އޮއިލް، ބަރަބޯ، ތޮރާ، ކަރާ އަދި އަލަނާސި ފަދަ ތަކެތި ހިމެނެ އެވެ.

މިތަކެތި ރާއްޖެއަށް ހަދިޔާ ކުރުމުން ދިވެހި ސަރުކާރުން، ހާއްސަކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރާއްޖެއަށް ދިން އެހީއަށް ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައި އެވެ.

ކާބޯތަކެތީގެ އެހީ ރާއްޖެއަށް ފޯރުކޮށްދޭން އެންމެ ފުރަތަމަ އެ ގައުމުން ނިންމުމުން ބަންގްލަދޭޝް ސަރުކާރާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި އެ ހަބަރު ޖަހާފައިވާ ގޮތުން އެ އެހީއަކީ ރާއްޖެއަށް ދޭ އެހީއެއް ނޫނެވެ. އެ ތަކެއްޗަކީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝް މީހުންނަށް ކާންދިނުމަށް އެ ގައުމުން ފޮނުވާ ތަކެއްޗެވެ.

މިކަން މީގެ ކުރިން ދިވެހި ސަރުކާރުން ހާމަކޮށްފައި ނުވިނަމަވެސް މިދިޔަ ހަފްތާ ތެރޭގައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މީޑިއާގައި ބުނެފައިވަނީ ބަންގްލަދޭޝް އިން ދީފައިވާ އެހީގެ ތަކެތި ހަރަދު ކުރަމުންދަނީ ތޮއްޖެހިގެން ދިރިއުޅެމުންދިޔަ ބަންގްލަދޭޝް މީހުން ބަދަލުކޮށްފައިވާ ކޮންޓެއިންމަންޓް ސައިޓްތަކުގައި ތިބި މީހުންނަށް ކާންދިނުމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ކައްކާ ކެވޭ ގޮތަށް ހުންނަ ބިދޭސީން ދިރިއުޅޭ ތަންތަނަށް ވެސް އެ އެހީގެ ތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ހުޅުމާލެ އާއި ގުޅީފަޅުގެ ލޭބާ ކުއާޓާތަކަށް އަންނަނީ ބަދަލުކުރަމުންނެވެ. އޭގެ ތެރޭގައި މުޅިންހެން ހިމެނެނީ ބަންގްލަދޭޝްގެ މީހުންނެވެ.

މިގޮތަށް ސަރުކާރުން އެމީހުން ބަލަހައްޓާނީ އަނބުރާ ގައުމަށް ފޮނުވާލެވެންދެންނެވެ. ސަރުކާރުން ލަފާ ކުރާގޮތުގައި ކޯވިޑް-19 ގެ ހާލަތުގައި ހައެއްކަ މަސްދުވަހު ބަންގްލަދޭޝް މީހުން ސަރުކާރުން ގާއިމްކޮށްފައިވާ ފެސިލިޓީތަކުގައި ބައިތިއްބަން ޖެހިދާނެ އެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެކަމަކު އިންސާނިއްޔަތުކަން އިސްކޮށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލެވެންދެން ސަރުކާރުން ބަލަހައްޓަން ނިންމީ މިފަދަ އެހީތަކެއް އެގައުމުން ފޯރުކޮށްދޭން އެއްބަސްވުމުންކަމަށް ބެލެވެ އެވެ.

އެއްގޮތަކުން ބަލާނަމަ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް މިއީ ރަނގަޅު ފިޔަވަޅެއް ކަމަށް ބުނެވިދާނެ އެވެ. އެމީހުން އަނބުރާ ގައުމަށް ގެންދެވޭނެ އިންތިޒާމް ބަންގްލަދޭޝްއަށް ހަމަޖައްސައިދެވެންދެން ސަރުކާރުން އެމީހުން ތިބޭނެ ތަން ހަމަޖައްސައި ދެވެން އޮތީ ބަންގްލަދޭޝް ސަރުކާރުން އެކަމަށް އެހީދީގެންނެވެ.

ދިވެހި ސަރުކާރުން ހަމަޖައްސައި ދެނީ އެމީހުން ތިބޭނެ ތަނެކެވެ. ބަންގްލަދޭޝް ނޫސްތަކުގައި އެ ބުނާގޮތުން ނަމަ ކެއިން ބުއިމާއި ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ ބޭސް ފޯރުކޮށްދެނީ ބަންގްލަދޭޝް އިންނެވެ. އަދި ފަރުވާދޭން ތިބޭ ޑޮކްޓަރުން ފޮނުވަނީ އެ ގައުމުގެ ސަރުކާރުންނެވެ.

އެކަމަކު ކޯވިޑް-19 އަށް ޕޮސިޓިވްވާ ދިވެހިންނާއި ބިދޭސީންނަށް ސިއްހީ ފަރުވާ ދެނީ ތަފާތު ކުރުމެއް ނެތި އާސަންދައިގެ ދަށުން ހިލޭ އެވެ. ގަވައިދާ ހިލާފަށް އުޅޭ މީހުންނަށްވެސް ކޯވިޑް ޖެހިއްޖެ ނަމަ ފަރުވާ ދެނީ ހިލޭ އެވެ.

މިހާތަނަށް ސަރުކާރުން ގާއިމްކޮށްފައިވާ ކޮންޓެއިންމެންޓުތަކުގައި ތިބި ބަންގްލަދޭޝް މީހުންގެ ތެރެއިން431 މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައި އެވެ. އެއް ބަޔަކު ފޮނުވާލާފައިވަނީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓުގައި އެވެ. އަނެއް ބަޔަކު ފޮނުވާލީ ރާއްޖެއިން ޗާޓާ ކުރި އެގައުމުގެ ގައުމީ އެއާލައިން ބިމާން އެއާގެ މަތިންދާ ބޯޓެއްގައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން579 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު ރާއްޖެ އިން މި ބަލީގައި މަރުވި ބިދޭސީ މީހާއަކީވެސް ބަންގްލަދޭޝް މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް