ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ރީނދޫ އެލާޓު ނެރެފި އެވެ.
ރީނދޫ އެލާޓު ނެރެފައިވަނީ ގއ، ގދ. އަތޮޅު އަދި ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ އަށެވެ. އެލާޓު ނެރެފައިވަނީ މިއަދު މެންދުރު1:20 ހަވީރު4:20 އާއި ދެމެދުގެ ވަގުތުތަކަށެވެ.
މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އާންމުކޮށް25 މޭލާއި30 މޭލާއި ދެމެދުގައި ވައި ޖެހުނަސް ވިލާގަނޑުގައި50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިއަދު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވަނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށެވެ. އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ރީނދޫ އެލާޓު ނެރެމުންދިޔަ ނަމަވެސް އެހެން އަތޮޅުތަކަށް ނެރެމުންދަނީ ހުދު އެލާޓެވެ.
ރީނދޫ އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެންގުމުގެ ގޮތުންނެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ އިތުރުން ބޭއޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން "އަންޕަމް" ގެ އަސަރެވެ. މެޓް އޮފީހުން ބުނީ އެ ތޫފާނު ދަތުރު ކުރަމުންދަނީ ރާއްޖެ އާއި ދުރަށް ކަމަށާއި ރާއްޖެއަށް ތޫފާނުގެ ސީދާ އަސަރު ނުކުރާނެ ކަމަށެވެ.
ރާއްޖެއަށް ވައިގަދަވެފައިވަނީ ތޫފާނު ދަތުރުކުރާ ގޮތުން ކަމަށް މެޓް އޮފީހުން ބުނެ އެވެ. އެ އިދާރާއިން ލަފާ ކުރާގޮތުގައި ވައި މަޑުވާން އަދި ދެ ދުވަސްވަރު ވާނެ އެވެ.
މޫސުމަށް ސަމާލުވެ ކަނޑުދަތުރުތައް ނުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް