ކޯވިޑް-19 އާއި ގުޅިގެން ގޭގައި މީހަކު ކަރަންޓީން ކުރާނަމަ ކުރާނީ ޖާގަ ބޮޑެތި ގޭގޭގައި ދިރިއުޅޭ މީހުން ބަލައިގެން ކަމަށް ނެޝަނަލް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން ބުނެފި އެވެ
އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީސީގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ހޯމް ކަރަންޓީން ކުރުމުގައި އެމީހަކު އުޅޭ މާހައުލުގެ ޖާގަޔަށް އެޗްޕީއޭއިން ބަލާނެ ކަމަށެވެ. އެ ގެއަކީ ކަރަންޓީން ކުރާ މީހަކަށް އެކަނި އުޅެވޭނެ ކޮޓަރިއެއް ނުވަތަ ޖާގައެއް ހުރި ގެއަކަށް ވާން ޖެހޭނެ ކަމަށާއި އެގޮތަށް ވަކިން ބަހައްޓާ މީހާ އާއި އާއިލާގެ އެހެން މީހުންނާއި ދިމާނުވެ އުޅެވޭވަރުގެ ޖާގައެއް އެ ގޭގައި ހުންނަންވާނެ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ހޯމް ކަރަންޓީން ކުރާއިރު އެޗްޕީއޭއިން ކަރަންޓީން ކުރާ މީހާ އަމަލު ކުރަން ޖެހޭ ގޮތާއި އުޅެންޖެހޭ ގޮތުގައި ތަފްސީލް މައުލޫމާތު އަރުވާނެ ކަމަށެވެ. އެފަދަ އިންތިޒާމެއް ހަމަޖެހިފައި ނުހުންނަ ގޭގޭގެ މީހުން ޖެހޭނީ ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީތަކަށް ދާން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ހަލުވި ކަމާއި އެކު ބަލި ފެތުރެމުންދަނީ މާލޭގައި އެވެ. މާލޭގައި އެޗްޕީއޭއިން އެ ކަނޑައަޅާވަރުގެ ޖާގަ ހުންނާނީ މަދު ގެއެއްގައި ކަމަށް ބެލެވެ އެވެ.
ރާއްޖެއިން ކޯވިޑް-19 ގެ ކޭސްތައް ފެންނަލެއް އިތުރުވަމުން ދާތީ މީގެ ކުރިންވެސް އެޗްޕީއޭއިން ވަނީ ހުރިހާ އެންމެން ފެސިލިޓީތަކަށް ނުގެންދެވޭނެ ކަމަށާއި ގޭގޭގައި ކަރަންޓީން ކުރަން ޖެހިދާނެ ކަމަށް ބުނެފައި އެވެ. އަދި އިއްޔެ ރޭ ވަނީ ހޯމް ކަރަންޓީން ގައި އަމަލު ކުރަންޖެހޭ ގޮތުގެ ތަފްސީލް އާންމުކޮށްފައި އެވެ.
މިހާތަނަށް ރާއްޖެއިން1،078 މީހަކު ވައިރަސްއަށް ޕޮސިޓިވް ވެފައިވާއިރު59 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް