ބޭ އޮފް ބެންގާލުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ އިތުރަށް ބާރު ގަދަވަމުން މިހާރު ދަތުރުކުރަމުން އެދަނީ އިންޑިއާގެ އޮޑީޝާ ސްޓޭޓާއި ދިމާއަށެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާން އިތުރަށް ބާރުގަދަވާނެ ކަމަށް މޫސުމާއިބެހޭ ސަރަހައްދީ އިދާރާއިން ހާމަކޮށްފައިވާއިރު އޮޑީޝާއިން މި ތޫފާނުގެ އަސަރު ހަތް ލައްކަ މީހަކަށް ކޮށްފާނެ ކަމަށް މިވަނީ އަންދާޒާކޮށްފައެވެ.
މިއާއެކު އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ނަވީން ޕަޓްނާއިކް ބުނެފައިވަނީ "ޒީރޯ ކެސުއަލިޓީ" ޕޮލިސީގެ ދަށުން ދުރާލާ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުން މީހުން، ސަލާމަތީ އައްސޭރިތަކަށް ގެންދެވޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
މި ތޫފާނުގެ ބާރު އެންމެ ގަދަވާނީ މާދަމާ އަދި އޭގެ އަނެއް ދުވަހު ކަމަށް އަންދާޒާކޮށްފައިވާއިރު ތުފާން އަންޕަމް އޭރު އޮންނާނީ އޮޑީޝާއާއި ދާދި ކައިރީގައެވެ.
ބޭ އޮފް ބެންގާލުގައި މީގެ ކުރިން އުފެދުނު ތޫފާނެއް ކަމުގައިވާ ތޫފާން "ފަނި"ވެސް ގޮސް އެރީ އޮޑީޝާ އަށެވެ. ނަމަވެސް އޭރުވެސް އެ ގައުމުން ދުރާލާ ތައްޔާރުވެ 14 ލައްކަ މީހަކު ސަލާމަތީ އައްސޭރިއަށް ގެންދިޔައެވެ.
ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު އެރި އެ ތޫފާނުގައި އިންޑިއާއިން 70 އަށްވުރެ ގިނަ މީހުން މަރުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް