ނާއިލާ އަވަހާރަވުމާގުޅިގެން، އެ ކަމަނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ތަޢުލީމީ ދާއިރާއަށް ހާއްސަކޮށް އަމީނިއްޔާ ސްކޫލަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ހެންވޭރު ނީލްވިލާ ނާއިލާ އިބްރާހީމް ކަލޭފާނު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގ...

17 Apr 2021 | 17:45

ތަޢުލީމީ ދާއިރާއަށް ހާއްސަކޮށް އަމީނިއްޔާ ސްކޫލަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ހެންވޭރު ނީލްވިލާ ނާއިލާ އިބްރާހީމް ކަލޭފާނު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ކަމަނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް ފޮނުއްވެވި ތަޢުޒިޔާ މެސެޖްގައި، އެ ޚަބަރު އެއްސެވީ، ވަރަށްފުން ހިތާމައާ އެކުގައި ކަމަށާއި، މިހިތާމައިގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެން، ޢާއިލާގެ އެންމެހައި މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ.

ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ ތަފާތު މަގާމުތަކުގައި، އެ ސްކޫލަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭކަނބަލެކެވެ.

އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ ދަރިވަރުން ތަރުބިއްޔަތު ކޮށްދެއްވުމުގައި ލާމަސީލު ނަމޫނާއެއް ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގައި ވިދާޅުވިއެވެ.

ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވުމަށްފަހު، މިއަދު ހެނދުނުއެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 72 އަހަރެވެ.

ނާއިލާ އިބްރާހިމް ކަލޭފަނަކީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އަދި އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުންނެވެ.

އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނު، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ،28 ޑިސެންބަރު 1971 ގައި އަމީނިއްޔާ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، އެ ސްކޫލްގެ ހިސްޓްރީ ޓީޗަރު ކަމާއި، ސޯޝަލް ސްޓަޑީޒް ޓީޗަރު ކަމާއި، ހެޑްޓީޗަރު ކަމާއި، ސެކަންޑަރީ ސުޕަވައިޒަރ ކަމާއި، ސުޕަވައިޒަރ ކަމުގެ މަގާމު ފުރުއްވިއެވެ. އަމީނިއްޔާ ސްކޫލަށް 26 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވެއެވެ.

މީގެ އިތުރުން ނާއިލާ އިބްރާހީމް ކަލޭފާނު ވަނީ ޣިޔާޘުއްދީން ސްކޫލްގެ ސުޕަވައިޒަރު ކަމާއި، ޤައުމީ ކުތުބުޚާނާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް