ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރު ތިލަފަޅަށް އަރާ ފޭބުމަށް އިންޑިއާގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި އެހެން ކަމަށްބުނެ ސިފައިންގެ ކުރީގެ ކާނަލް އަހްމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ދައްކާފައިވަނީ ދޮގު ވާހަކައެއް ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިވަނީ ބުދަ ދުވަހުގެ ރެ، ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމްގައި ޕާޕާ ދެއްކި ވާހަކަ ދޮގުކޮށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
"އަޙްމަދު ފަޔާޒް ޢަލީ ރިޒާ ބައިވެރިވެ، އެ ޕްރޮގްރާމްގައި ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަށް އަރައި ފޭބުމުގައި އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށްބުނެ ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެކެވެ" އެމްއެންޑީއެފުން ބުނެފައިވެއެވެ.
މިކަމާއިމެދު އެމްއެންޑީއެފުން ބުނެފައިވަނީ އެމްއެންޑީއެފް ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަކީ އެމްއެންޑީއެފްގެ މުވައްޒަފުން ތިބޭ ތަނެއް ކަމަށާއި އަދި އުތުރުތިލަފަޅަށް އަރައި ފޭބުމަށް ބޭނުން ވަނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދަ ކަމަށެވެ. އަދި ހަމައެހެންމެ ހދ. ހަނިމާދޫ އެއަރޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަޙައްދަށް އަރައި ފޭބުމަށް ބޭނުންވަނީވެސް އެމްއެންޑީއެފްގެ ހުއްދަ ކަމަށެވެ.
އަޙްމަދު ފަޔާޒް ޢަލީ ރިޒާއަކީ ތަފާތު ގިނަ އަޚްލާޤީ މައްސަލަތަކެއް ޖެހި، ސުލޫކީ މައްސަލަތަކެއްގައި 2015 ޑިސެންބަރު 17 ވަނަ ދުވަހު ސިފައިންގެ ކާނަލެއްގެ މަޤާމުން ކެޕްޓަނެއްގެ މަޤާމަށް ޑިމޯޓްކޮށްފައިވާ ފަރާތެއްކަމަށާއި އަދި 2016 ޖޫން 19 ވަނަ ދުވަހު ކެޕްޓަނެއްގެ މަޤާމުން ލެފްޓިނަންޓެއްގެ މަޤާމަށް ޑިމޯޓްކޮށް، "ޑިސްއޮނަރަބަލް ޑިސްޗާޖް" އެއްގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް