ތ އަތޮޅުގެ 6 ރަށަކަށް އަރައި ފޭބުން މަނާކޮށްފި

ތ. މަޑިފުށިން މީހަކު ކޯވިޑް-19އާ ފައްސިވުމާއެކު، އެ އަތޮޅުގެ ޖުމުލަ 6 ރަށަކަށް އަރައި ފޭބުން މަނާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ތ. ވޭމަންޑޫއަށް ދަތުރުކޮށްފައިވާ މީހަކު މ...

17 Apr 2021 | 09:18

ތ. މަޑިފުށިން މީހަކު ކޯވިޑް-19އާ ފައްސިވުމާއެކު، އެ އަތޮޅުގެ ޖުމުލަ 6 ރަށަކަށް އަރައި ފޭބުން މަނާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ތ. ވޭމަންޑޫއަށް ދަތުރުކޮށްފައިވާ މީހަކު މަޑިފުށިން ހުކުރު ދުވަހު ފައްސިވެފައިވާ ކަމަށެވެ. އެ ވޭދަނައާ ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއާއެކު އެރަށަށް މީހުން އަރާފޭބުން ވަނީ މަނާކޮށްފައެވެ.

ވޭމަންޑޫ އިހާއާ ގުޅިގެން ތ އަތޮޅުގެ ހަ ރަށެއް ވަނީ މިހާތަނަށް އައިއިރު މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ. އެއީ ވޭމަންޑޫ، ވިލުފުށި، ކިނބިދޫ، އޮމަދޫ، މަޑިފުށި އަދި ގާދިއްފުއްޓެވެ.

ވޭމަންޑޫން މާލެ ގެނައި ދެ މީހުން ކޯވިޑް-19ށް ފައްސިވެ އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ. އެ ދެމީހުންނަކީ ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ބަލިވެގެން ދެއްކި ދެ މީހުންނެވެ. އޭގެ ތެރެއިން އެކަކު މާލެ ފޮނުވާލާފައިވަނީ ހޮސްޕިޓަލުންނެވެ. އެއީ 65 އަހަރުން މަތީގެ އަންހެނެކެވެ. ދެވަނަ މީހާއަށް އާސަންދަ ހަމަނުޖެހުމުން އޭނާ މާލެ އައިސްފައިވަނީ އަމިއްލައަށެވެ. އެއީ 22 އަހަރުގެ ފިރިހެނެކެވެ.

ވޭމަންޑޫން މިހާތަނަށް ވަނީ 43 މީހަކު ކޯވިޑް-19ށް ފައްސިވެފައެވެ. އަދި ކިނބިދޫން 12 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިހާތަނަށް މި އިހާއާ ގުޅުން ހުރި 60 މީހަކު ވަނީ ކޯވިޑް-19ށް ފައްސިވެފައެވެ.

ތ. ވޭމަންޑޫން ކޯވިޑް-19ގެ ވޭދަނަތަކެއް ފެނިފައިވާއިރު ވޭމަންޑޫން ވޭދަނަތަކެއް ފެނުމާ ގުޅިގެން، 15 މާޗް ގެ ފަހުން އެރަށުގައި އުޅުމަށްފަހު އެހެން ރަށަކަށް  ގޮސްފައިވާ މީހެއްނަމަ، އެކަން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް އެންގުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި އެ ދުވަހުގެ ފަހުން ވޭމަންޑޫން އައި މީހުން 10 ދުވަސް ވަންދެން އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން އަންގާފައިވެއެވެ.

މިވަގުތު އަތޮޅުތަކުގައި އެންމެ ހަލުވި މިނުގައި ކޮވިޑް ފެތުރެމުންދަނީ ޅ އަތޮޅާއި ތ އަތޮޅުގައެވެ. ކޮވިޑްގެ ހާލަތު ގޯސްވެގެން މިވަގުތުވެސް ރާއްޖޭގެ 13 ރަށެއް ވަނީ މޮނިޓަރިންގ ގެ ހާލަތުގައެވެ. އޭގެތެރޭގައި ޅ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނެއެވެ. އަދި ކ އަތޮޅު ހުރާ އާއި ދިއްފުށި ހިމެނޭއިރު ތ އަތޮޅުގެ ހަރަށެއް އަދި އދ. މާމިގިލިވެސް އޮތީ މޮނިޓަރިންގ ގެ ހާލަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް