ދޫނިދޫގައި ގައިދީއަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ދޫނިދޫ ޖަލުގައި ގައިދީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުން ދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. ޓެރަރިޒަމްގެ ތުހު...

17 Apr 2021 | 08:23

ދޫނިދޫ ޖަލުގައި ގައިދީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުން ދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައިވާ ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަން މުހައްމަދު ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާއި މެދު އާއިލާއިން ވަނީ ޝަކުވާ ހުށައަޅާފައެވެ.

މިކަމާ ގުޅިގެން އެޗްއާރސްސީއެމުން ބުނީ، ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުރި މީހަކަށް ފުލުހުން އަނިޔާ ކުރިކަމަށް ބުނާ މައްސަލައަކީ އެޗްއާރުސީއެމުން ބަލަމުންދާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ އެޗްއާރްސީއެމްގެ ސަމާލުކަމަށް އައީ ބުރާސްފަތި ދުވަހުގެ ރޭ 10:00 ހާއިރު ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

މިކަމާ ގުޅިގެން އެޗްއާރްސީއެމްގެ ޓީމެއް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ދޫނިދޫއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި އަނިޔާ ލިބުނުކަމަށް ބުނާ އަހްސަން މުހައްމަދު އާއި ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ. އެޗްއާރްސީއެމުން ބުނީ، މި މައްސަލަ ބަލަމުންދާކަން، އޭނާގެ އާއިލާއަށް ވެސް އަންގާފައި ވާކަމަށެވެ.

އެންޓި ޓޯޗަރ ގާނޫނުގެ ދަށުން މި މައްސަލަ ތަހުގީގު ކުރުމަށް އެޗްއާރްސީއެމުން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި އަނިޔާ ލިބުނުކަމަށް ބުނާ، އަހަސަން މުހައްމަދު އާ މެދު ބާރުގެ ބޭނުންކުރުމާ ގުޅޭގޮތުން ފުލުހުން ބުނީ، އޭނާ ބަހައްޓާފައި ހުރި ގޮޅީގައި ހަރުކޮށްފައިހުރި ކެމެރާއަށް ނުފެންނަގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް "ކެމެރާ ބްލައިންޑް" ކުރި ކަމަށާއި އެކަމާ ގުޅިގެން 2021 އޭޕްރީލް 11 ވަނަ ދުވަހު 20:00 ހާއިރު އޭނާ ގޮޅިން ބޭރަށް ނެރުނުކަމަށެވެ. އަދި އޭނާ ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައިހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އަހްސަން މުހައްމަދަށް އެންގިކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެން ނަމަވެސް ގޮޅިއަށް ވަނުމަށް، ފުލުހުން ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އޭނާ ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައް ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާ ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ޕެޕަރ ސްޕްރޭ ބޭނުންކޮށް އޭނާ ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ، އެރޭގެ ފަހުގެ ވަގުތެއްގައި ގޮޅިއަށް ވައްދާފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާއި، ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިންތޯ ބެލުމަށް، ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑު އަދި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީއަށް މިހާރު ވަނީ ހުށަހަޅާފައެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުން އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ޚިލާފަށްކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އަހްސަން މުހައްމަދު ހައްޔަރުކުރީ، މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުންގެ ފަރާތުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕްރޭޝަނެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް