ކުރިއަށް އޮތް ދައުރުގެ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ވިލިމާލެ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުވި ނަހުލާ އަލީ ވާދަކުރެއްވުމަށް ނިންމައިފިއެވެ.
ނަހުލާ ރޭ ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމް އަށް ކާމިޔާބުކުރުމަށްޓަކައި ވޯޓުލާ އާބާދީގެ ދެ ބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ކަމަށްވާ އަންހެނުންނާއި ޒުވާނުންގެ ގިނަ ޢަދަދެއްގެ ވޯޓު ނެގުމަށްޓަކައި ޢިލްމީ، ޤާބިލް، ހިތްވަރުހުރި ކެރޭ އަންހެނަކަށް ޑެޕިއުޓީ މޭޔަރ ކަމުގެ ފުރުޞަތު ލިބިގެން ދިއުމަކީ ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަދި ޕީޕީއެމް އިން ހިތްވަރުދެއްވާނެ ގޮތް ކަމުގައި ދެކޭ ކަމަށެވެ.
ބަޔާނުގައި ބުނީ، ނިމިދިޔަ ދައުރުގައި މާލެ ސިޓީ ކައުންސިލުގައި އަންހެނަކާއި ފިރިހެނަކު މާލެ ސިޓީގެ މޭޔަރު ކަމާއި ޑެޕިއުޓީ މޭޔަރުކަން ކުރައްވާފައިވާއިރު އަންހެނުންނާއި ފިރިހެންނުންނަށް ހަމަހަމަ ފުރުޞަތު އަދި ހަޤީޤީ ބާރުވެރިކަން ދެ ޖިންސަށް ހަމަހަމަ އަށް ލިބިދިނުމަކީ މި ދައުރުގައި ޕީޕީއެމް އިން ވެސް ތަރްޙީބު ދެއްވާނެ ކަމެއްކަމުގައި ޔަޤީން ކުރައްވާކަމަށެވެ.
މީގެއިތުރުން އޭނާ އަކީ އިލްމާއި ގާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ކަމަށް ގަބޫލު ކުރާ ހާލު އަދި ގިނަ ބައެއްގެ އެދުމުގެ މަތިން ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލާން ނިންމަވާފައިވާ ކަމަށް ނަހުލާ އޭނާގެ ބަޔާނުގައި ވިދާޅުވި އެވެ.
ނަހުލާގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ނާސިރު (އައްލޮ) ވެސް ވަނީ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވާދަކުރެއްވުމަށް ނިންމަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް