އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދުގެ (ވައްޑޭ)ގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހިންގަމުންދާ ޢަމަލުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ގޮވާލައިފިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ ވައްޑޭ ކެމްޕޭން ތަޤްރީރެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހިންގަމުންދާ ޢަމަލުތައް އެންމެ ހަރުއަޑުން ކުށްވެރި ކުރާ ކަމަށެވެ.
އެގޮތުން ވައްޑޭ، އެ ތަޤްރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވާފައި؛ވަނީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫންކަމާއި، އެއާޚިލާފަށް އޭނާގެ ވާހަކަ އަމާޒުކުރައްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަށް ކަމަށް އެ ބަޔާނުގައި ވެއެވެ.
"އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ ޢިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ" އެ ބަޔާނުގައި ވެއެވެ.
މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިއާ ޑރ. އަފްރާޝީމް ޢަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައިވާ ކަމަށާއި ތަޙްޤީޤުތަކުން ދައްކާގޮތުގައި އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ޙަރަކާތްތަކެއްގެ ތެރެއިން ކަމަށް އެ ބަޔާނުފައިވެއެވެ. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ރާއްޖޭގައި ގަތުލުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ވައްޑޭ ދެއްކެވި ވާހަކައެއްގެ ޙަޤީޤަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ޢަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަޙްޤީޤުކޮށް ފިޔަވަޅު އަޅަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް