ރޯދައިގެ ނަސޭޙަތް 4: ހާރުކެއުން

ހާރުކެއުމަކީ ކޮބައިތޯއެވެ.؟ އަޅުގަނޑުމެން ހާރު ކެއުމޭ މިކިޔަނީ ރަމަޟާންމަހުގެ ރޯދައަށް ހުރުމަށްޓަކައި ކޮންމެ ރެއަކުވެސް ފަޖުރައްލުމުގެ ކުޑަވގުތުކޮޅެއް ކުރިން ކާ ކެއުމެއް ނުވަތަ ބޯ ބުއިމަކަށެވެ. ރޯދައަ...

17 Apr 2021 | 00:56

ހާރުކެއުމަކީ ކޮބައިތޯއެވެ.؟

އަޅުގަނޑުމެން ހާރު ކެއުމޭ މިކިޔަނީ ރަމަޟާންމަހުގެ ރޯދައަށް ހުރުމަށްޓަކައި ކޮންމެ ރެއަކުވެސް ފަޖުރައްލުމުގެ ކުޑަވގުތުކޮޅެއް ކުރިން ކާ ކެއުމެއް ނުވަތަ ބޯ ބުއިމަކަށެވެ. ރޯދައަށް ހުރުމައްޓަކައި ހާރުކެއުން އެއީ ސުންނަތްވެގެންވާ ކަމެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَة" (رواه البخاري ومسلم) މާނައީ: "ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްތެރި ކަމެއްވެއެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތަކުން އެނގެން އޮތް ގޮތުގައި އަހަރެމެންގެ ރޯދައާއި  ޔަހޫދީންނާއި ނަޞާރާއިންގެ ރޯދައާއި ދެމެދުގައިވާ ތަފާތަކީ ހާރުކެއުމެވެ. އަދި ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމަކަމަށް ވާއިރު، އެކަން ދޫކޮށް ނުލުމަށްވެސް ނަބިއްޔާ ވަނީ އިރުޝާދުދެއްވަވާފައެވެ. އެއީ ހަމައެކަނި ފެން ކޯވަރެއް ބޯލުން ކަމުގައި ވިޔަސްމެއެވެ. އަދި ހާރު ކެއުމަކީ ﷲ ގެ ރަޙުމަތް އެކަމަށްހުރި ކަމަކަމެއް ކަމަށާއި އަދި އެއިލާހުގެ މަލާއިކަތުންވެސް އެބައިމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރާކަމަށް ވެސް މާތް ނަބިއްޔާގެ ބަސްފުޅުތަކުން އެނެގެން އެބައޮތެވެ.

ހާރުކެއުން ލަސްކުރުން

ހާރުކެއުން ލަސްކޮށްލުންވެސް ސުންނަތްވެގެންވެއެވެ. عَنْ أَنَسِ بْنِ مَالِكٍ، أَنَّ زَيْدَ بْنَ ثَابِتٍ، حَدَّثَهُ: " أَنَّهُمْ تَسَحَّرُوا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ قَامُوا إِلَى الصَّلاَةِ، قُلْتُ: كَمْ بَيْنَهُمَا؟ قَالَ: قَدْرُ خَمْسِينَ أَوْ سِتِّينَ "، يَعْنِي آيَةً (رواه البخاري) އަނަސް ރަޟިޔަ ﷲ ޢަންހު ޒައިދު ބުނު ޘާބިތުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ތިމަންމެންނާއެކުގައި ހާރު ފަރީއްކުޅުވިއެވެ. އެއަށްފަހު ނަމާދު ކުރެއްވުމަށް ތެދުވެވަޑައިގަތެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ސުވާލުކުރެއްވީމެވެ. ހާރު ކޭންބެއްލެވުމާއި ބަންގިޔާ ދެމެދުގައިވީ ކިހާ ވަގުތުކޮޅެއް ތޯއެވެ؟ ވިދާޅުވިއެވެ. ފަންސާހަކަށް ނުވަތަ ފަސްދޮޅަހަކަށް އާޔަތް ކިޔައިލެވޭހާ ވަގުތުކޮޅެކެވެ.އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "لاَ تَزَالُ أُمَّتِي بِخَيْرٍ مَا عَجَّلُوا الإِفْطَارَ وَأَخَّرُوا السُّحُورَ" (رواه أحمد) މާނައީ: "ރޯދަވީއްލުން އަވަސްކޮށް އަދި ހާރުކެއުން ލަސްކުރާހާ ހިނދަކު ތިމަން ކަލޭގެފާނުގެ އުއްމަތް ހެއުކަމުން ފިލައި ނުދާނެއެވެ."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް