ޕްރިމިއާ ލީގު: ޓޮޓެންހަމް އާއި އެވަޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަނާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. އެވަޓަނުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކ...

17 Apr 2021 | 00:51

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަނާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އެވަޓަނުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަަމަވެސް އެންމެ ފުރަތަމަ ލަނޑު ޖަހާ މެޗުގައި ލީޑު ނަގާފައިވަނީ ޓޮޓެންހަމުންނެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ޓަންގުއީ އެންޑޮމްބެލޭ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޭނެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ގިލްފީ ސިގަޑްސަން ވަނީ އެވަޓަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން އެވަޓަނުގެ ހަމޭސް ރޮޑްރިގޭޒަށް ޓޮޓެންހަމުގެ ސާޖިއޯ ރެގީލޯން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

ދެޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު،  މެޗުގެ 62 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ އެވަޓަނުން ވަނީ ލީޑު ނަގާފައެވެ. ސީމަސް ކޯމަން ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑުވެސް އެވަޓަނަށް ކާމިޔާބުކޮށްދިނީ ސިގަޑްސަނެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން އޭރިއާ ތެރެއިން ލިބުނު ފުރުޞަތުން ކޭން ވަނީ ލަނޑެއް ޖަހައި، ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގައި ރަނގަޅަށް ކުޅެމުން ދިޔަ ޓޮޓެންހަމްއަށް އިތުރު މައްސަލަތަކާއި ކުރިމަތިވީ މެޗުގައި ދެ ލަނޑު ޖަހައިދިން އިތުރުބާރު ފޯވާޑް ހެރީ ކޭން އަށް އަނިޔާވެގެން ދަނޑުން ބޭލުމުންނެވެ. މެޗުގެ ފަހުހާފުގައި އަނިޔާވެގެން ބޭލި ކޭންއަށް އަނިޔާވެފައިވަނީ އޭނާގެ ތަނބިކައްޓަށެވެ.

ރޭގެ މި ނަތީޖާއާއި އެކު ޓޮޓެންހަމް އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު 32 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ. އަދި އަށްވަނައިގައި އޮތް އެވަޓަނަށް 31 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް