މިހާރު ޕޮސިޓިވް 100 މީހުން އުޅޭނެ، މިސްރާބު ސިއްހީ ނިޒާމު ފެއިލްވުމާ ދިމާލަށް: ޑރ. ޝީނާ

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށިތާ ދެ ދުވަސް ތެރޭގައި ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުންގެ ގޮތުގައި ފާހަގަވެފައިވާ މީހުންގެ އަދަދަށް ބަލާއިރު މިހާރު ގާތްގަނޑަކަށް100 މީހުންނަށް ބަލި ޖެހިފައިވާ...

17 Apr 2020 | 17:22

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށިތާ ދެ ދުވަސް ތެރޭގައި ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުންގެ ގޮތުގައި ފާހަގަވެފައިވާ މީހުންގެ އަދަދަށް ބަލާއިރު މިހާރު ގާތްގަނޑަކަށް100 މީހުންނަށް ބަލި ޖެހިފައިވާނެ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ މަގާމު އަދާކުރައްވާފައިވާ ޑރ. ޝީނާ މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާތަނަށް މާލެއިން ބަލި ޖެހުނީ އަށް މީހުންނަށް ވާއިރު އޭގެ ހަ ގުނަ އިތުރަށް ބަލި ޖެހިފައިވާ މީހުން އުޅޭނެ ކަމަށެވެ. އެގޮތުން މިހާރު60 އާއި100 އާއި ދެމެދުގެ އަދަދަކަށް މީހުންނަށް ބަލި ޖެހިފައިވާނެ ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ މި ރޭޓުން ދާނަމަ ކުރިޔަށް އޮތް ރޯދަ މަހަކީ އެންމެ ގިނަ މީހުންނަށް ބަލި ޖެހޭނެ ދުވަސްވަރު ކަމަށެވެ. އަދި ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާނަމަ އެންމެ ނުރައްކާތެރި ހާލަތުގައި2،000 މަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި29،000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ ބަލި ޖެހޭ މީހުން ފެނުމަކީ މައްސަލައެއް ނޫން ކަމަށެވެ. މައްސަލައަކީ ވެންޓިލޭޓަރަށް ލާންޖެހޭ މީހުންގެ އަދަދު އިތުރުވެ އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެދާނެތީ ކަމަށެވެ.

އިތުރަށް ވިދާޅުވީ އެވަރުގެ ކެޕޭސިޓީއެއް ނެތް ކަމަށާއި، ސަރުކާރުން ބުރަ މަސައްކަތްތަކެއް ކޮށްގެން މި ހާލަތަށް ބަލައި ސިއްހީ ފަރުވާ ދިނުމަށް އިތުރު ސާމާނު ހޯދާފައިވާ ކަމަށެވެ. އެކަމަކު ހުސް އެނދެއްގައި ބޭއްވިޔަސް ފަރުވާ ދެވޭނެ ގޮތެއް ނެތްކަން ފާހަގަ ކުރައްވާ ޑރ. ޝީނާ ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ އަދަދު ވަރަށް މަދުކަމަށެވެ.

މިހާތަނަށް ބަލި ޖެހިގެން ރިޕޯޓުކުރި މީހުންނާއި ގުޅުންހުރި މީހުންގެ އަދަދަށް ބަލައި ޑރ. ޝިނާ ވިދާޅުވީ މިސްރާބު ހުރީ ސިއްހީ ނިޒާމު ފެއިލްވުމާ ދިމާލަށް ކަމަށެވެ. އެހެންވެ އެދިވަޑައިގެންނަވަނީ ގޭގައި ތިއްބަވާ ބަލި އިތުރު ބަޔަކަށް އެރުމުގެ ފުރުސަތު ފަހި ނުވާނެ ގޮތަށް އަމަލު ކުރުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް