އެންގުމާ ހިލާފުވާ ފަރާތުގެ ނަން ހާމަކުރުމުގެ ބާރުވެސް މައިމޫނާއަށް ދީފައިވޭ

މިއަދު އަލަށް އެކުލަވާލި، މި ހާލަތުގައި ނަން ހާމަކުރުމުގެ ގަވާއިދުގެ ދަށުން، މި ހާލަތުގައި އެންގުމާ ހިލާފުވާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ބާރުވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އ...

17 Apr 2020 | 17:07

މިއަދު އަލަށް އެކުލަވާލި، މި ހާލަތުގައި ނަން ހާމަކުރުމުގެ ގަވާއިދުގެ ދަށުން، މި ހާލަތުގައި އެންގުމާ ހިލާފުވާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ބާރުވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ދީފިއެވެ.

އެގޮތުން މި ގަވާއިދުގައި ބުނެފައިވަނީ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ގާނޫނުގެ 12 ވަނަ މާއްދާގެ (ނ)ގެ 4 ވަނަ ނަމްބަރުގެ ދަށުން ކަރަންޓީނު ކުރުމަށް، ނުވަތަ އެފަދަ މީހަކު ނުވަތަ އެފަދަ ބައްޔެއް ފަތުރާ ވަސީލަތްތަކަށް ހުށަހެޅިފައިވާ މީހަކު އެ މާއްދާގެ (ނ)ގެ 5 ވަނަ ނަމްބަރުގެ ދަށުން އެކަހެރިކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުމާ ހިލާފުވާ ފަރާތްތަކާއި، އެފަދަ ފަރާތެއްގެ ކިބައިން އެ ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ޑިރެކްޓަރ ޖެނެރަލް އފް ޕަބްލިކް ހެލްތު ކުރަންޖެހޭ ކަންކަން ކުރުމަށް އެއްބާރުލުން ނުދޭ ފަރާތްތަކުގެ ނަން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހާމަކުރެވިދާނެ ކަމަށެވެ.

އެ ގަވާއިދަކީ އާންމު ސިއްހަތުގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތު ރައްކާތެރިކޮސް ދެމެހެއްޓުމައްޓަކައި، ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި ފަރާތެއްގެ ނަން ހާމަކުރުމަކީ މުހިންމުކަމެއް ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިއްޖެ ހިނދެއްގައި، އާންމުކޮށް ނަން ހާމަކުރުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމ ގުޅޭގޮތުން އެ ގާނޫނުގެ 82 ވަނަ މާއްދާގެ (ނ)ގެ ދަށުން އެކުލަވާލި ގަވާއިދެއް ކަމަށް ބުނެފައިވެއެވެ.

ނަން ހާމަކުރަންވާނީ އެކަން ނުކޮށް އާންމު ސިއްހަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި އެ މަގުސަދު ހާސިލކުރެވޭ މިންވަރަށް އެކަނި ކަމަށާއި އަލަށް ތައާރަފްވާ ނުރައްކާތެރި ބައްޔެއްގެ ސަބަބުން ނުވަތަ ގައިންގަޔަށް އަރާ ބައްޔެއްގެ ސަބަބުން ނުވަތަ ކުއްލިޔަކަށް ދިމާވާ ސިއްހީ ނުރައްކަލެއްގެ ސަބަބުން މުޖްތަމައުގެ އާންމު ސިއްހަތަށް ސީދާގޮތުގައި ބޮޑު ނުރައްކާތެރިކަމެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، އެފަދަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާގެނަން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އާންމުކޮށް ހާމަކުރެވިދާނެކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް