އެސްޓީއޯއިން ގަންނަ ތަކެތި ޑެލިވަރީ ކުރަން ސިފައިން ނުކުމެއްޖެ

މާލޭގެ ލޮކް ޑައުން ހާލަތުގައި އެސްޓީއޯއިން ގަންނަ ތަކެތި ޑެލިވަރީ ކުރުމުގައި އުނދަގޫވެ ފުނިޖެހުމާއި ގުޅިގެން ސިފައިން ނުކުމެ ތަކެތި ޑެލިވަރީ ކޮށްދޭން ފަށައިފި އެވެ. އެސްޓީއޯއިން ވަނީ ގާބޯތަކެތީގެ ޑެލި...

17 Apr 2020 | 16:37

މާލޭގެ ލޮކް ޑައުން ހާލަތުގައި އެސްޓީއޯއިން ގަންނަ ތަކެތި ޑެލިވަރީ ކުރުމުގައި އުނދަގޫވެ ފުނިޖެހުމާއި ގުޅިގެން ސިފައިން ނުކުމެ ތަކެތި ޑެލިވަރީ ކޮށްދޭން ފަށައިފި އެވެ.

އެސްޓީއޯއިން ވަނީ ގާބޯތަކެތީގެ ޑެލިވަރީތައް ގިނަ އޯޑަރު ނެގުން މަޑުޖައްސާލާފައި އެވެ. އެސްޓީއޯއިން ބުނީ ސިފައިންގެ އެހީތެރިކަމާއި އެކު ޑެލިވަރީ ނުވެ ތާށިވެފައި ހުރި އެއްޗެހި ޑެލިވަރީ ކޮށްދީ ނިންމުމާއި އެކު އަލުން އޯޑަރުތައް ނަގަން ފަށާނެ ކަމަށެވެ.

ސިފައިން މި މަސައްކަތުގައި ހަރަކާތްތެރިވާން ފެށުމުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ޝުކުރު އަދާ ކުރައްވާފައި އެވެ.

އެސްޓީއޯއިން ފުރަތަމަ ޑެލިވަރީ ކުރީ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށެވެ. އެހެންވެ ގަންނަ ތަކެތީގެ އިތުރަށް ޑެލިވަރީ ފީގެ ގޮތުގައި 200 ރުފިޔާ ދައްކަން ޖެހެ އެވެ. ސިފައިން ތަކެތި ޑެލިވަރީ ކޮށްދޭން ފެށުމުން އެ ފީ ނަގާކަމެއް އަދި ނޭނގެ އެވެ.

މާލެ ލޮކްޑައުންއަކަށް ދިއުމާއި ގުޅިގެން ވިޔަފާރިތަކަށް ބާރުބޮޑުވުމުގެ ސަބަބުން ފުލުހުން ވަނީ 24 ގަޑިއިރަށް ޑެލިވަރީގެ ހިދުމަތް ދިނުމުގެ ހުއްދަ ދީފަ އެވެ.

މިއަދު އެޗްޕީއޭއިން ވަނީ މާލޭގެ ލޮކްޑައުންގެ މުއްދަތު ދެ ހަފްތާއަށް އިތުރުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް