ކޮވިޑް-19 އާ ގުޅިގެން އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް ޔޫއެސް ޑޮލަރު ނެގޭ އަދަދު ކަނޑައަޅައިފި

ކޮވިޑް-19 އާ ގުޅިގެން ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން ރާއްޖެއަށް ޑޮލަރު އިމްޕޯޓް ކުރާ އަދަދު މިވަނީ ދަށްވެފައިވާއިރު މިކަމާ ގުޅިގެން މިއަދުން ފެށިގެން ކޮންމެ ކަ...

17 Apr 2020 | 10:59

ކޮވިޑް-19 އާ ގުޅިގެން ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން ރާއްޖެއަށް ޑޮލަރު އިމްޕޯޓް ކުރާ އަދަދު މިވަނީ ދަށްވެފައިވާއިރު މިކަމާ ގުޅިގެން މިއަދުން ފެށިގެން ކޮންމެ ކަސްޓަމަރަކަށް އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ އަދަދު 2000 ޔޫއެސް ޑޮލަރުގެ ގޮތުގައި ކަނޑައެޅުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

މިހާރު ރާއްޖޭން ބޭރަށް ދަތުރު ކުރުން ހުއްޓާލެވިފައިވާތީވެ، ޔޫއެސް ޑޮލަރު ބޭނުންވާ އަދަދު ވަނީ ދަށްވެފައެވެ. މަތީގައި ބަޔާންކޮށްފައިވާ އަދަދު ކަނޑައެޅިފައިވަނީ ބޭންކުގެ ކަސްޓަމަރުންނަށް ކުރިޔަށް އޮތްތާނގައި ދިމާވެދާނެ ދަތިތަކަށް ބަލައި މުހިންމު ޒަރޫރީ ބޭނުންތަކަށް ޔޫއެސް ޑޮލަރު ބޭނުންވާ ފަރާތްތަކަށް ދަތިކަމެއް ނެތި ޑޮލަރު ނެގުމަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.

ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްފަދައިން އިންޓަރނެޓް ބޭންކިންގ އަދި މޯބައިލްޕޭ މެދުވެރިކޮށް ޔޫއެސް ޑޮލަރު އެކައުންޓް ބޭނުންކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެއެވެ. ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް ބޭނުންވާ ޔޫއެސް ޑޮލަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން މިދަނީ ފޯރުކޮށްދެމުންނެވެ. މިގޮތުން ބޭންކުން ދަނީ އިމްޕޯޓްކުރާ ފަރާތްތަކަށް ބޭނުންވާ ޔޫއެސް ޑޮލަރު ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފައިސާ ފޮނުވުމުގައި ދިވެހިރުފިޔާ އެކައުންޓް ބޭނުންކޮށްގެން ފައިސާ ފޮނުވޭގޮތް ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް