ނުރައްކާތެރި ކޮރޯނާ ވައިރަސް އުފަންވި ޗައިނާގެ ވޫހާން ސިޓީގައި ވައިރަހުގެ ނުރައްކާތެރިކަން ބޮޑުވެ އެ ސިޓީ ލޮކްޑައުންއަށް ދިޔަ އިރު އަހުމަދު ސޮލާހު ހުރީ ވޫހާން ސިޓީގައި އެވެ.
އޭނާ އަކީ އެ ސިޓީގައި ވައިރަހުގެ ނުރައްކާތެރިކަން ބޮޑުވެގެން އިންސާނިއްޔަތަށް ނުރައްކާވާ ހިސާބަށް ދިއުމުން ސަރުކާރުން އިންޑިއާގެ އެހީތެރިކަމާއި އެކު އެ ސީޓިން ނެރެގެން ގެނައި ދިވެހިންގެ ތެރެއިން އެކަކެވެ. މިފަދަ ދަނޑިވަޅެއްގައި ސޮލާހުގެ ތަޖުރިބާ އަކީ ދިވެހިންނަށް މުހިންމު ވާހަކަ އަކަށް ވާނެ އެވެ.
މީގެ ދެ ދުވަސް ކުރިން މާލެ ލޮކްޑައުންއަށް ދިޔަ އިރު ސޮލާހުއަށް މި ހުރެވުނީ މާލޭގައި އެވެ. ދެ ސިޓީން ފެނުނު މަންޒަރާއި ހުރި ތަފާތު އޭނާ ވަނީ ފޭސްބުކްގައި ހިއްސާކޮށްފައި އެވެ.
ސޮލާހު ބުނީ ވޫހާން ސިޓީ ލޮކްޑައުންކޮށް ރައްޔިތުންނަށް އެންގީ ގޭގައި މަޑު ކުރަން ކަމަށާއި އަސާސީ ކާބޯތަކެތި ހުސްވިޔަސް ގެއިން ނުނިކުތުމަށެވެ. އޭނާ ބުނީ އޭރު ގޭގައި ހުރީ ވަރަށް މަދު ކާއެއްޗިއްސާއި ބޯ ފެން ކަމަށެވެ.
ވޫހާންގައި ވެސް ގެއަށް ބޭނުންވާ ކާބޯތަކެތި ގަންނަން ޖެހުނީ އޮލްނައިން ކޮށެވެ. އޭނާ ބުނީ ބޯފެން ހުސްވުމުން ނިންމީ އިސްކުރުން ދޫކުރާ ފެން ކައްކައިގެން ބޯށެވެ.
ސޮލާހު ބުނީ އޯޑަރު ދޭ ކާއެއްޗެހި ބައެއް ފަހަރު ގެއާއި ހިސާބަށް ފޯރަށް ހަފްތާއެއް ވެސް ނެގި ކަމަށެވެ. އެހެން ވަނީ ސުޕަމާކެޓްތަކުން ތަކެތި ހުސްވެގެން ކަމަށެވެ.
https://web.facebook.com/Destiny212Ahmed/posts/10213195508841686?_rdc=1&_rdr
ދެން އޭނާ ކިޔައިދީފައިވަނީ މާލޭގެ ލޮކްޑައުންގައި މީހުން އުޅެމުންދާ ގޮތާއި ފެންނަ މަންޒަރެވެ. ސޮލާހު ބުނީ އޯޑަރު ދޭ އެއްޗެހި ދެ ގަޑިއިރު ތެރޭ ނައިސްފިނަމަ ދިވެހިންގެ ޝަކުވާ އިތުރުވާން ފަށާ ކަމަށެވެ. ލޮކްޑައުން ކޮށްފައި އޮއްވަ މީހުން މަގުމައްޗަށް ނުކުންނަ ކަމެވެ.
ދެ ސިޓީގެ ތަޖުރިބާއިން އޭނާ ދިވެހިންނަށް ބުނެދޭން ބޭނުންވަނީ މިއީ ދަތި އުނދަގޫ ދަނޑިވަޅެއް ކަމެވެ. ބޭނުން ކޮންމެ އެއްޗެއް ބޭނުން ކޮންމެ ގަޑިއެއްގައި ކާން ނުލިބިދާނެ އެވެ. މަހެއްހާ ދުވަސް ވަންދެން ގަރުދިޔަ އާއި ބަތާ ވެސް ކާން ޖެހިދާނެ އެވެ. އަދި އެއަށްވުރެ ހާލުގައިވެސް އުޅެން ޖެހިދާނެ ކަމެވެ.
ދިރިއުޅުމުގެ ކަންކަން އެންމެ ހަރަދު ކުޑަކޮށް ހަމަޖެއްސެން އޮތް ގޮތަކަށް ހަމަޖެއްސައިގެން ގުރުބާންތަކެއް ވާންޖެހެ އެވެ. އެންމެ ބޭނުންވާ ތަކެތި ނުލިބުނަސް އެވެ.
ނިންމާލަމުން ސޮލާހު ހުރިހާ ދިވެހި ރައްޔިތުންގެ ކައިރިން އާދޭހާއި އެކު އެދިފައި ގޭގައި ތިބުމަށެވެ. ވައިރަސް ފެތުރުނަ ނުދިނުމަށާއި މިކަމުން އަރައި ގަންނަން އެއްބާރުލުން ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް