ނުރައްކާތެރި ކޮރޯނާ ވައިރަސް ހުރި ދިމާލެއް ފަސް ސިކުންތު ތެރޭގައި ދެނެގަންނަ މެޝިނެއް އިރާނުން އުފައްދައިފި އެވެ.
ގަލްފްގެ ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާ އިރާނުުގައި މި މެޝިން އުފެއްދީ ރިވޮލިއުޝަނަރީ ގާޑް (އައިއާރްޖީސީ) އިންނެވެ. މި މެޝިން ތައްޔާރުކޮށް އެ ގައުމުގެ ބައެއް ހޮސްޕިޓަލްތަކުގައި ވަނީ ޓެސްޓުކޮށްފައި އެވެ.
ރިވޮލިއުޝަނަރީ ގާޑް އިން މި މެޝިން ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ބުނެފައިވަނީ މި މެޝިންގެ އިތުބާރު ރޭޓަކީ 80 ޕަސެންޓް ކަމަށެވެ. އަދި ފަސް ސިކުންތު ތެރޭގައި ވައިރަސް ދެނެގަންނަ އިރު100 މީޓަރުގެ ރޭޑިއަސްއެއްގެ ތެރޭގައި ވައިރަސް އުޅޭނަމަ އެ މެޝިން މެދުވެރިކޮށް ވައިރަސް ދެނެގަނެވެ އެވެ.
މިހާރު ރިވޮލިއުޝަނަރީ ގާޑް އިން ދަނީ އެ މެޝިނަށް ލައިންސަންސް ހޯދުމަށް ހެލްތް މިނިސްޓްރީ އާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ. ލައިސަންސް ލިބުނުހާ އަވަހަކަށް އިތުރު މެޝިންތައް އުފައްދަން ފެށޭނެ ކަމަށް ބުނެފައިވެ އެވެ.
ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ގައުމުތަކުން ދަނީ އެކި ޓެކްނޮލޮޖީތައް އީޖާދު ކުރަމުންނެވެ. އެގޮތުން ސްރީލަންކާއިން ވަނީ ކޯވިޑް-19 ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ރޮބެޓެއް އީޖާދުކޮށް ޓެސްޓުކޮށްފައި އެވެ.
އެ ރޮބެޓު މެދުވެރިކޮށް ބަލި މީހާގެ ޓެމްޕަރޭޗާ ބަލާ ސިއްހީ ހާލަތު ދެނެގަނެވެ އެވެ. އަދި އެމީހާއަށް ބޭނުންވާ ކާއެއްޗެހި ރޮބެޓު މެދުވެރިކޮށް ފޯރުކޮށްދެވޭއިރު އޭގައި އިންނަ ކެމެރާއެއް މެދުވެރިކޮށް ޑޮކްޓަރާއި ބަލި މީހާ އާއި ދެމެދު މުއާމަލާތް ކުރެވެ އެވެ.
އީރާނުން މިހާތަނަށް ވަނީ ކޮރޯނާ ވައިރަހަށް 77,995 މީހުން ޕޮޒިޓިވްވެ 4,869 މީހުން މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް