މާލެ ސަރަހައްދު ލޮކްޑައުން މުއްދަތު 14 ދުވަހަށް އިތުރުކޮށްފިއެވެ.
މި މުއްދަތު 14 ދުވަހަށް އިތުރުކޮށްފައިވާއިރު ދެ ދުވަސް ކުރިން މާލެއިން ފުރަތަމަ ފަހަރަށް ކޯވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވި ފަހުން އެ އަދަދު މިހާރު މިވަނީ ހަތަކަށް އަރާފައެވެ.
https://twitter.com/HPA_MV/status/1251061746267303936
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ މި އެންގުމުގައި ބުނެފައިވަނީ މި 14 ދުވަހުގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުމަކީ މަނާކަމެއް ކަމަށާއި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ) ގެ ހިދުމަތް ވެސް ހުއްޓާލަން ވާނެ ކަމަށެވެ. .އަދި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރާ ފޭބުންވެސް މި 14 ދުވަހު މަނާވާނެ ކަމަށް ބުނެފައިވެއެވެ.
މި އެންގުން އިސްތިސްނާވާ ފަރާތްތަކަކީ ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލާންސާއި ނެޝަނަލް އެމަޖެންސީ ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެ ސެންޓަރުގެ ފާސް ލިބިފައިވާ މީޑިއާތަކާއި ފުލުހުން ހުއްދަދޭ ފަރާތްތައް ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް