ކޯވިޑް-19: އެފްރިކާ ސީޑީސީ އިން 1 މިލިޔަން ޓެސްޓް ކިޓް ބަހަން ނިންމައިފި

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ވަބާއާއެކު، ބައްޔަށް ޓެސްޓު ކުރަން ބޭނުންވާ ކިޓް ލިބުން ދަތިވެފައިވާ އެފްރިކާގެ ގައުމުތަކަށް އެހީވުމުގެ ގޮތުން 1 މިލިޔަން ޓެސްޓް ކިޓް ބެހުމަށް ނިންމާފައ...

16 Apr 2020 | 19:15

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ވަބާއާއެކު، ބައްޔަށް ޓެސްޓު ކުރަން ބޭނުންވާ ކިޓް ލިބުން ދަތިވެފައިވާ އެފްރިކާގެ ގައުމުތަކަށް އެހީވުމުގެ ގޮތުން 1 މިލިޔަން ޓެސްޓް ކިޓް ބެހުމަށް ނިންމާފައިވާކަމަށް އެފްރިކާ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް (އެފްރިކާ ސީޑީސީ) ގެ ޑިރެކްޓަރ ވިދާޅުވެއްޖެއެވެ.

އެފްރިކާ ސީޑީސީން އެފްރިކާ ބައްރުގެ ގައުމުތަކަށް 1 މިލިޔަން ޓެސްޓް ކިޓް ބެހުމަށް ނިންމާފައިވާއިރު، އެ ބައްރަށް ބަލީގެ އަސަރު ކޮށްފައިވާ މިންވަރު އަދި ކުޑަ ނަމަވެސް، އެފްރިކާ ގައުމުތަކުގެ ފަގީރުކަމާހުރެ އެ ގައުމުތަކަށް ވަނީ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ބުރާސްފަތި ދުވަހު، އެފްރިކަން ޔޫނިއަންގެ ހެޑްކުއަރޓާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިރެކްޓަރ ޖޯން ވިދާޅުވީ ބައްޔަށް ޓެސްޓުކުރުމުގައި އެ ބައްރު އޮތީ ވަރަށް ފަހަތުގައި ކަމަށާއި، އެކަމަށް ހައްލެއް ހޯދުމަށް ކަންތައްތަކެއް ކުރަން ޖެހޭކަމަށެވެ.

އެހެން ބައްރުތަކާ އަޅާބަލާއިރު، އެފްރިކާ ބައްރުގެ ހާލާތު އެހާ ގޯސް ނޫންކަމަށް ދައްކާއިރު، އެ ބައްރުން މިހާތަނަށް ބައްޔަށް ފައްސިވި މީހުންގެ އަދަދަކީ 17247 އެވެ. މަރުވެފައިވަނީ 911 މީހުންނެވެ. 3546 މީހުން ބަލިން ރަނގަޅުވެފައިވާކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.

އެހެނަސް، ބައްޔަށް ޓެސްޓު ކުރުމަށް ބޭނުންވާ ވަޞީލަތްތައް އެކަށީގެންވާ މިންވަރަށް ނުލިބުމާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، ޞިއްޙީ ވަޞީލަތްތަކުގެ މަދުކަމާހުރެ، ކޯވިޑް-19 ގައި އެފްރިކާގެ އަސްލު ބޮޑު މަންޒަރު ދެނެގަންނަށް ވަނީ އުނދަގޫވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް