މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް (އެސްއޯޖީ) ތަޢާފަރުކޮށްފި

މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް (އެސްއޯޖީ) ތަޢާފަރުކޮށްފިއެވެ. ބަންޑާރަކޮށީގައި މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބް...

17 Mar 2021 | 18:11

މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް (އެސްއޯޖީ) ތަޢާފަރުކޮށްފިއެވެ.

ބަންޑާރަކޮށީގައި މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި އެސްއޯޖީގެ ބައެއް މަޤާމުތަކަށް އައްޔަންކުރެވުނު ފަރާތްތަކުގެ މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ މެރިންކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދުއެވެ.

އެމްއެންޑީއެފްގެ މެރިންކޯރގައި މިއަދު އަލަށް ތަޢާރަފު ކުރެވުނު އެސްއޯޖީއަކީ އެމްއެންޑީއެފުން ހިންގާ ޚާއްޞަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިތުރު އެލީޓް ފޯސްއެކެވެ. އަދި މި ފޯސްއަކީ އެމްއެންޑިއެފްގެ އައު އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވާގޮތަށް އެއްގަމާއި ކަނޑުގައި ޚާއްޞަ އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލްކަން ލިބިފައިވާ ޚާއްޞަ ބާރެކެވެ.

ސްޕެޝަލް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމުގެ ޢިލްމާއި ހުނަރު އުނގަންނައި ދެވިފައިވާ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންއ ދުޅަހެޔޮ، މަތިވެރި އަސްކަރީ އަޚްލާޤްގެ މަތީގައި ސާބިތުވެ ތިބޭ މި ޚާއްޞަ ފޯސްގެ ސަބަބުން މެރިންކޯރގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުވެގެންދާނެއެވެ.

މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް ތަޢާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އިތުރުން މެރިންކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދާއި އެމްއެންޑިއެފްގެ ޑައިރެކްޓަރޭޓްތަކާއި ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުންގެ އިތުރުން މެރިންކޯރގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް