މިދިޔަ މަހުގެ 26ގެ ފަހުން ކުޑަހުވަދޫން އެހެން ހިސާބަކަށް ދަތުރުކޮށްފައިވާނަމަ އެކަން އެންގުމަށް އަންގައިފި

ދ. ކުޑަހުވަދޫން ކޮވިޑު ކޭސްތަކެއް ފެނިފައިވާއިރު، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެރަށުން ރާއްޖޭގެ އެހެން ސަރަހައްދަކަށް ދަތުރުކޮށްފައިވާނަމަ އެކަން އެންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗ...

17 Mar 2021 | 16:46

ދ. ކުޑަހުވަދޫން ކޮވިޑު ކޭސްތަކެއް ފެނިފައިވާއިރު، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެރަށުން ރާއްޖޭގެ އެހެން ސަރަހައްދަކަށް ދަތުރުކޮށްފައިވާނަމަ އެކަން އެންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

އެގޮތުން އެޗްޕީއޭއިން ބުނެފައިވަނީ ދ. ކުޑަހުވަދޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 26 ފެބްރުއަރީ 2021 ގެ ފަހުން ދ.ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުން އެދޭކަމަށެވެ.

"މިތާރީޚްގެ ފަހުން ދ. ކުޑަހުވަދޫއަށް ގޮސްފައިވާ ފަރާތެއްވާނަމަ، ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށް ދަންނަވަމެވެ.އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަވާނެއެވެ." އެޗްޕީއޭއިން ބުނެފައިވެއެވެ.

އަދި 26 ފެބްރުއަރީ 2021 ގެ ފަހުން ދ. ކުޑަހުވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށްވެސް އެޗްޕީއޭއިން އަންގާފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރެއްވުމަށް ދަންނަވާކަމަށެވެ.

ކުޑަހުވަދޫ އެއާޕޯޓުގެ މުވައްޒަފުންތަކެއް ޕޮޒިޓިވްވެ، ރަށް މޮނީޓަރިންއަށް ވަނީ ލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައި ވަނީ ހަ މީހުންނެވެ.

ކުޑަހުވަދޫއިން ބަޔަކު ކޮވިޑަށް ފައްސިވެފައި މިވަނީ، އެރަށުން ނަގާފައިވާ ރެންޑަމް ސާމްޕަލް ތަކަކުންނެވެ. އޭގެ ތެރެއިން ފައްސިވެފައި ވަނީ އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އަދި މިހާރު އެމީހުން ވަނީ އެކަހެރި ކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް