ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް އަދި ދޭން ނުފަށާ ކަމަށާއި، އެކަމަކު ޚާއްސަ ހާލަތްތަކުގައި ބައެއް މީހުންނަށް ވެކްސިން ޖަހައިދޭނެ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނެފި އެވެ.
އެޗްއީއޯސީން ބުނިގޮތުގައި މިހާރު ވެކްސިންގެ ދެ ވަނަ ޑޯޒް ދެނީ، އިމަޖެންސީ ހާލަތްތަކުގައި ނުވަތަ ދަތުރެއް ކުރަން ޖެހިފައި އޮތުމުން، ވެކްސިން ޖަހަން އަށް ހަފުތާ ފަހުން ނާދެވޭ މީހުންނަށެވެ. މި ހާލަތްތަކުގައި ވެކްސިން ދޭނީ، އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅުމުން ކަމަށް ވެސް އެތަނުން ބުންޏެވެ.
ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން މިހާރު ވަނީ މެދުކަނޑާލާފައެވެ. އެހެންނަމަވެސް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޚާއްސަ ކެޓަގަރީގެ މީހުންނަށް ވެކްސިން ދޭން ފަށަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައިހިމެނޭކެޓަގަރީތަކަކީ:
- ދޮށީއުމުރުގެ މީހުން
- އެކި ކަހަލަ ބަލިތަށް ތަހައްމަލް ކުރަމުންދާ މީހުން
- ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީނުގައި ތިބި މީހުން
- ކޮންޓެކްޓަށްވެ ކަރަންޓީނުގައި ތިބި މީހުން
- ރާއްޖެ އިން ބޭރުން ދަތުރުކުރުމަށް ފަހު އައިސް ކަރަންޓީނުގައި ތިބި މީހުން،
- މާލެ އިން ދަތުރުކުރުމަށް ފަހު ރަށަށް ގޮސް ކަރަންޓީނުގައި ތިބި މީހުން
- ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުން
ރާއްޖޭގައި މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ވެކްސިން ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް