ޝަހީދުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ލީޑަރޝިޕާއި، އެންމެހާ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް، އަރިސްކުރަމެވެ.
ޝަހީދުންގެ ދުވަސް ނިސްބަތްވަނީ ޕޯޗުގީޒުންނާއި ދެކޮޅަށް ދީނާއި، ވަތަންގެ ހައްގުގައި ޖިހާދަކުރައްވާ އަލި ރަސްގެފާނު ޝަހީދުވި ދުވަހަަށެވެ. އަލި ރަސްގެފާނު ޝަހީދުވި ހާދިސާއަކީ އިބްރަތުން ފުރިގެންވާ ފިލާވަޅެކެވެ. އަމިއްލަ އެދުންތަކުން ފޯވެފައިވާ ފަރާތްތަކެއް އެއިރުވެސް މިގައުމުގައި ތިބިކަން ތާރިހުން ބުނެދެއެވެ. ކީރިތި މަހާރަދުންނަށް އޮޅުވާލާ ދޮގު ދަންނަވައިގެން އަމާން ދެއްވުމަށް މަޖުބޫރުކުރިއެވެ. އެކަމުގެ ހަގީގަތް އެނގިވަޑައިގެންނެވުމުން އަލި ރަސްގެފާނު ނިންމެވީ ގިނިކަންޏާ ނަމަވެސް ދީނާއި ވަތަންގެ ހައްގުގައި ދުޝްމަނުންނާއި ކުރިމަތިލުމަށެވެ.
މިކަމުން އިބުރަތް ޚާސިލްކޮށް، ޤައުމު ބައިބައިވެ ފަސާދަވުމަށް ފުރުސަތު ނުދެއްވައި މިއަދުވެސް އަޅުގަނޑު ދަންނަވަން ބޭނުން ވަނީ، ކޯވިޑް 19 މިހާލަތުގައި ވެސް ހަޤީގަތާއި ޙިލާފު ވާހަކަތައް ނުފަތުރާ މިހިތްދަތި އަޑިގަޑުން އަރައި ގަތުމަށް ދިވެހި އަސްކަރިއްޔާގެ އެންމެހާ ސިފައިންނާއި ސިފައިންގެ އާއިލާތަކުން ކޯވިޑް ވެކްސިން ޖެހުމަށެވެ. ހަމައެހެންމެ ކޯވިޑް-19 އާއި ދެކޮޅަށް މިކުރާ މަސައްކަތުގައި މިހާރުވެސް ގިނަ ހުރަސްތަކާއި، ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް، މާތް اللهُގެ ވާގިފުޅާއެކު، އެ ހުރަސްތައް ގިރާކޮށް، މިއަދު މިތިބަ ޙާލަތަށް އާދެވުމުގައި، ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑުކަން ނުހަނު އުފަލާއެކު އަޅުގަނޑު ފާހަގަ ކުރަމެވެ.
ޝަހީދުންގެ ދުވަހުގެ ހަނދާންތައް އާކުރަމުން އަންނައިރު، މިއަދު ވެސް ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ހަދިޔާއަކީ، ދިވެހި ކާބަފައިން، މިޤައުމު މިނިވަންކަމާއެކު މިއަދާ ހަމަޔަށް ގެނެސްދީފައި އޮތް އޮތުމެވެ. މިކަން މިގޮތުގައި ތާއަބަދަށް ދަމަހައްޓަން ދިވެހި އަސްކަރިއްޔާއިން އަތާ އަތް، ކޮޑާ ކޮޑު ގުޅުވައިގެން ތިބި ކަމާމެދު މިގައުމުގެ އެއްވެސް ރައްޔިތަކު ސުވާލެއް ނުކުރާނެކަން އަޅުގަނޑަށް ޔަގީނެވެ. އޭނގެ އަލިގަދަ ހެއްކެއްގެ ގޮތުން މިއަދު ވެސް ދިވެހި ސިފައިންގެ ފަންނީ ހުނަރު ކުރިއަރުވައި ތައްޔާރީ ހާލަތު އިތުރު ކުރުމާއި ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ހަރުދަނާކޮށް ތަރައްގީކުރުމަށް ރައީސް ޞާލިޙް ގެންގުޅުއްވާ ޚިކުމަތްތެރި ވިސްނުންފުޅު ނުހަނު އުފަލާއެކު އަޅުގަނޑު ފާހަގަ ކުރަމެވެ.
އަޅުގަނޑުގެ ދުޢާއަކީ، ސިފައިންނާމެދު ދިވެހި ރައްޔިތުންގެ ހިތުގައި އޮތް ފުރިހަމަ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށް، އިތުރަށް ކުރަމުންދާ މި މަސައްކަތުގައި، މާތްﷲ ބަރަކާތްލެއްވުމެވެ. އާމީން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް