އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާކުރިކަމަށް ކުރިން އިއުލާނު ކޮށް ސްވިޑެންގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް، އެ ނިންމުން ބަދަލުކޮށް އަލުން ޤައުމީ ޓީމަށް ކުޅެން ނިންމައިފިއެވެ.
ސްވިޑެންގެ ގައުމީޓީމުގައި މޮޅު ކުޅުމެއް ދައްކާފައިވާ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ޒަލަޓާން އިބްރަހިމޮވިޗް ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗަށްފަހުއެވެ.
ޔޫރަޕްގެ ނަން މަޝްޙޫރު ގިނަ ކުލަބުތަކަކަށް ކުޅުމަށްފަހު 2018 ވަނަ އަހަރު އެމެރިކާގެ އެލްއޭ ގެލެކްސީ އާ ގުޅި އެޓީމަށް ކުޅުމަށްފަހު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އިބްރަހިމޮޗިވް ވަނީ އިޓަލީގެ އޭސީ މިލާނަށް ބަދަލުވެފައެވެ. އޭސީ މިލާނަށް ބަދަލުވެ އޭނާ އަންނަނީ އެ ކުލަބުގައި ތަފާތު މޮޅުކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގެ އިޓާލިއަން ލީގުގައި އިބްރަހިމޮވިޗް ކުޅުނު 14 މެޗުގައި ޖުމްލަ 14 ލަނޑު އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.
އެއާއެކު ސްވިޑެންގެ ޤައުމީ ޓީމުގައި އިބްރަހިމޮވިޗް އަލުން ހިމެނުމަށް އެ ޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މަސައްކަތްކުރިއިރު، 2018 ވަނަ އަހަރު ރަސިއާގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްވިޑެންގެ ޤައުމީ ޓީމަށް އިބްރަހިމޮވިޗް އަލުން ކުޅުވަން އެ ޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނި މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭރު އިބުރަހިމޮވިޗް އެކަމަށް ދެކޮޅު ހެދިއެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ސްވިޑެނުން އެކުލަވާލި ސްކޮޑުގައި އުމުރުން 39 އަހަރުގެ އިބްރަހިމޮޗިވް ވަނީ ހިމަނާފައެވެ.
ސްވިޑަންގެ އެންމެ މޮޅު ކުޅޫންތެރިޔާގެ މަގާމުވެސް 12 ފަހަރެއްގެ މަތިން ހޯދި އިބްރަހިމޮވިޗް ވަނީ ސްވިޑެންގެ ޤައުމީ ޓީމަށް ކުޅެދިން 116 މެޗުގައި 62 ލަނޑު ޖަހައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް