އެނަމާ ކާރިސާއަށް 17 އަހަރު، އަދިވެސް ދިވެހީންގެ ހިތްތަކުން އެ ހަނދާންތައް ނުފިލާ !

2004 ވަނަ އަހަރު މާރޗު މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު ހިނގާދިޔަ އެނަމާ ބޯޓުގެ ހާދިސާއަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީހުގައި އެއްމެ ގިނަ އަދަދެއްގެ މީހުން މަރުވި އެއްމެ ހިތާމަވެރި ކަނޑުމަތީގެ ކާރިސާ...

17 Mar 2021 | 05:25

2004 ވަނަ އަހަރު މާރޗު މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު ހިނގާދިޔަ އެނަމާ ބޯޓުގެ ހާދިސާއަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީހުގައި އެއްމެ ގިނަ އަދަދެއްގެ މީހުން މަރުވި އެއްމެ ހިތާމަވެރި ކަނޑުމަތީގެ ކާރިސާއެވެ. ގއ. ވިލިނގިލިން ފުރައިގެން ގދ. ތިނަދުއަށް 122 މީހުންނާއެކު ދަތުރު ކުރަނިކޮށް ތިނަދޫ އެނަމާބޯޓު ބަންޑުން ޖަހާލާ ޖުމްލަ 24 މީހުންމަރުވެ 2 މީހަކު ގެއްލިފައިވެއެވެ. މިކާރިސާ ހިނގާފައިވަނީ 17 މާރޗް 2004 ވީ ބުދަދުވަހުގެރޭ 8:30 ހާއިރުއެވެ. މަރުވިމީހުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން އޮތީ 19 މާރޗް 2004 ވީ ހުކުރު ދުވަހު މުޅިރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހުކުރުނަމާދަށްފަހުއެވެ.

މިއަދު އެނަމާ ބޯޓު ބަންޑުންޖަހާލި ހާދިސާ އަށް 17 އަހަރު ފުރިގެން ދިޔައިރު، އެ ހާދިސާ ތިނަދޫ މީހުންގެ އިތުރުން ވެސް އެތައް ދިވެހިންނެއްގެ ހަނދާނުގައި އަދިވެސް ބިންވަޅު ނެގިގައި އެބަހުއްޓެވެ.

މިކާރިސާ ހިނގި ދަތުރަކީ ގއ.ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއްބެލުމަށް ގދ.ތިނަދޫއިން އެރަށަށް ދިޔަ މީހުން އެނބުރި ތިނަދޫއަށް ކުރިދަތުރެވެ. އެމެޗަކީ ދިވެހި ލީގަށް ކޮލިފައިވާން ޒޯންހަތެއްގެ ގދ.ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ.ވިލިނގިލީ މަސްވެރިންގެ ކްލަބް ވިލިނގިއްލާ ބައްދަލުކުރިމެޗެވެ. މިމެޗުން ބަލިވި ޓީމުކަމަށްވާ ތިނަދޫ ޓީމުގެ ސަޕޯޓަރުން ބޯޓަށް އެރީ އިރު އޮއްސި 6:50 ކަންހާއިރުއެވެ. ދަތުރު ކުރަމުން ގޮސް ބައިގަޑި އެއްހާއިރު ވީތަނާ އެ ބޯޓުގެ އިންޖީނިހުއްޓިގެން އޭގެ ފިލްޓަރެއް ބަދަލުކޮށް އަލުން ދަތުރުފެށިއެވެ.

ދެން އޭގެފަހުން ހުރިހާކަމެއްވެސް އާދައިގެމަތިން ގޮސް މިކާރިސާއާ ކުރިމަތިވީ ބޯޓުގައި ގިނަ އަދަދެއްގެ ބަޔަކު ލަވަކިޔާ މަޖާކޮށް ސަކަރާތްޖަހަމުން ދަނިކޮށް ވަރަށްކުއްލިގޮތަކަށް އެރޭ 8:30 ކަން ހާއިރުއެވެ. މިކާރިސާ ހިނގާފައިވާގޮތެއްކަމަށް މައުލޫމާތު ލިބިފައިވަނީ އެނަމާބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ 'އަރުތަ' ނަމަކަށް ކިޔޭ ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ތަޅުވާ ބަންޑުން ޖަހާލައިގެންނެވެ.

އެރޭ ބޯޓު ދަތުރު ކުރަމުން ދިޔައިރު އޭގައި 88 ފުޅި ކައްކާ ގޭސް ހުސްކުރި ސިލިންޑަރާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10 ފުޅި ނޫން އެއްވެސް މުދަލެއް ބަރުކޮށްފައި ނެތެވެ. މިހާ މަދު މުދަލާއެކު އެހާގިނަ މީހުން ބޯޓުގެ މަތީގައި ތިބުމަކީ ބޯޓު ބަންޑުންޖަހާލުމުގެ ސަބަބެއްކަމަށް ގިނަބަޔަކު ބުނެފައެވެ. ބޯޓު ދަތުރުކުރަމުން ދަނިކޮށް ބޯޓުގެ މަތީބަޔަށް މީހުންތައް އެރުން އެއީ އޭގެ ބެލެންސް ގެއްލުނު އެއްސަބަބުކަމަށް ވެސް ވާހަކަ ދެކެވެއެވެ.

އެނަމާ ބޯޓަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައިވަނީ "އަރުތަ" ދޯނިންނެވެ. އެއީވެސް ތިނަދުއަށް ނިސްބަތްވާ ދޯންޏެކެވެ. ދެން އެސަރަހައްދުން ދިޔައީ ގއ. ދާންދޫ "މިޔަރެން" ދޯންޏެވެ. އެހީއަށް އެދި ކަނޑުމަތީގައި ރޮއެ ރޮއެ ތިބި މީހުންނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދީ "މިޔަރެން" ދޯނި ދިޔައީ އެ ދޯނީގައި 12 ޓަނު މަސް ހުރިކަމަށްބުނެ މަސްކިރަން ކޫއްޑޫއަށެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލި ހަދިސާގައި 24 މީހުންގެ ފުރާނަ ގެއްލި ދެމީހަކު ގެއްލިފައިވެއެވެ. އަދި މިހާތަނަށް ވެސް އެ ދެމީހުން ފެނިފައެއް ނުވެއެވެ. އެނަމާ ކާރިސާގައި އެއް އާއިލާއެއްގެ ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، އެއްރަށަކުން އެކާރިސާގައި އެތައް ބަޔަކު މިދުނިޔެ ދޫކޮށް ދިޔައީއެވެ.

އެ ކާރިސާގައި ސަލާމަތްވީ މަދުބައެކެވެ. އެ މީހުން ބުނާގޮތުގައި މިޔަރެން ދޯނީގެ އެހީ ތެރިކަން ލިބުނު ނަމަ އެމީހުން ގެ ތެރެއިން ގިނަބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީހެވެ. ކޮންމެއަކަސް ހިތާމައިގެ ކޮޅެއްވެސް ނެތް މިއަދުވެސް އެތަކެއް އާއިލާތަކެއް އެ ހަނދާނުގައި ކަރުނައަޅަމުން ގެންދާ ހިތި ހަދާންތަކެކެވެ.

އެނަމާ ބޯޓު ހާދިސާގައި ދުނިޔެ ދޫކޮށްފައިވާ އެންމެހާ ފަރާތްތަކަށް ސުވަރުގެ މިންވަރު ކުރައްވާށި! އަދި އެ އާއިލާތަކަށް ކެތްތެރިކަން ދެއްވާށި! (އާމީން)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް